ދީނީ ކަންކަމުގައި ބަސް ބުނުމުގެ ހުއްދައެއް ނެތި ރައްޔިތުންނަށް އޮޅުންއަރާގޮތަށް ތަކުރާރުކޮށް، ދީނީ ކަންކަމުގައި ބަސްބުނުއްވައި، ފާޑުވިދާޅުވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ފިޔަވަޅު އަޅަން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ.މުހައްމަދު އިޔާޒު ގޮވާލައިފި އެވެ.
ރައީސް ނަޝީދަށް ފިޔަވަޅު އެޅުއްވުމަށް ޑރ. އިޔާޒު ގޮވާލާފައިމިވަނީ ޔޯގާ އަކީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ނެރުނު ކަރުދާހެއްގައި ބުނެފައިވުމުން، އެކަމަށް ނުރުހުން ފާޅުކޮށް ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓަކާ ގުޅިގެންނެވެ. ރައީސް ނަޝީދުގެ ޓްވީޓުގައި ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމަށާއި ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ އެ ޓްވީޓަށް ބައެއް އިލްމުވެރިންގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. ޑރ. އިޔާޒު ބުނެފައިވާ ގޮތުގައި ދީނީ ކަންކަމުގައި ބަސްބުނުމުގެ ލައިސަންސް ނުވަތަ ހުއްދައެއްނެތި، ރައްޔިތުންނަށް ޙައްޤާއި ބާޠިލް އޮޅޭފަދަ ގޮތަކަށް ނަޝީދު އަމަލުކުރައްވާފައިވާ ކަމަށެވެ. އަދި މިފަދަ ގޮތަކަށް އަމަލުކުރައްވާފއި ވާތީ، ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް އިޔާޒު ވަނީ އިސްލާމިކް މިނިސްޓްރީ އަށް ގޮވާލާފަ އެވެ.
ޔޯގާ އަކީ ވަކި ދީނަކާއި ނުވަތަ އަޤީދާ އަކާ ގުޅުމެއް ނެތް އެއްޗެކޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ނެރުނު ކަރުދާހުގައި ބުނެއެވެ. "ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއްކަށް އެއްވެސް ޝައްކެތްނެތް މިންވަރަށް ޔަޤީންވޭ. އަދި ހިންދޫން ފިޔަވާ އެހެން މީހުންނަށްވެސް މިކަން ތަޢާރަފް ވެފައިވަނީ ހިންދޫންގެ ފަރާތުން. އެހެންކަމުން ޔޯގާ ހެދުން ވެގެންދަނީ ހިންދޫ ދީނުގެ ތެރެއިން. ނުވަތަ ހިންދޫ ދީނަށް އަޅުކަން ކުރާ މީހުންނާއި އެއްގޮތްވުންތަކެއް ހިމެނޭ ކަމެއްގެ ގޮތުގައި." އެ ކަރުދާހުގައި ބުނެފައިވެ އެވެ.
ޔޯގާގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ އަސްލު ފެށިގެން އައިސްފައިވަނީ ހިންދޫ ދީނުންކަން ސާފުކޮށް އެގެން އެބައޮތްކަމުގައި އެކަރުދާހުގައި ބުނެއެވެ. ކަންމިހެން އޮތްއިރު، ދިވެހި ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި މިފަދަ ކަމެއް ފެތުރި އާއްމުވެ ދިޔަނުދިނުމަށް އިންތިހާއަށް ސަމާލުވާންޖެހޭ ކަމަށް ބުނެފަ އެވެ. އެގޮތުން މިކަންކަމަށް ސަމާލުވެ އިސްލާމީ އަސާސްތަކާއި އުސޫލުތައް ހިފަހައްޓާ ނެގެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އަށާއި ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި ރައްޔިތުންނަށް އެކަރުދާހުގައި އިލްތިމާސްކޮށްފަަ އެވެ.
ހުއްދަ ނެތި ދީނުގެ ވާހަކަ ދައްކާ މީހުންނަށް ފިޔަވަޅު އެޅުމަށް، ޑރ. އިޔާޒްގެ އިތުރުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް މުހައްމަދު ލަތީފްވެސް ވަނީ މިއަދު ގޮވާލައްވާފައެވެ.

