ޔޯގާ އާއި ގުޅޭ ގޮތުން ރާއްޖޭގެ ފުންނާބު އުސް ހުރިހާ އިލްމުވެރިންހެން އެބޭފުޅުންގެ ރަޢުޔު ނެރެފައިވާއިރު، އެބޭފުޅުންގެ ޔޯގާ އާއި ދޭތެރޭ ދެކޭގޮތާއި ރަޢުޔާއި މުޅިން ތަފާތު ރައުޔެއް ކުރީގެ ރައީސް އަލްއުތާޛް މައުމޫން އަބްދުލްޤައްޔޫމް ނެރުއްވައިފިއެވެ.
“ދެން” އޮންލައިން ނޫހުގައި ރައީސް މައުމޫނާއި ހަވާލާދީ ބުނެފައި ވަނީ ޔޯގާ އަކީ ހަރާމްކަމެއް ނޫން ކަމަށާއި ޔޯގާއަކީ ޞިއްޙީ އަދި ނަފްސާނީ ދުޅަހެޔޮކަން ހިފެހެއްޓުމަށް ކުރާ ކަސްރަތުތަކެއް ކަމަށް ރައީސް މައުމޫން އެނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ކަމަށެވެ.
ދީނީ ކަންކަމާއި ގުޅޭ ގޮތުން ރައީސް މައުމޫން މީގެ ކުރިން ވެސް ދީނީ އިލްމުވެރިންނާއި ދެކޮޅު ރަޢުޔު ބައެއް ކަންކަމުގައި ނެރެފައި ވެއެވެ. އެގޮތުން ބުރުގާ އެޅުމަކީ ވާޖިބެއް ނޫންކަމަށާއި، މިއުޒިކް ހަރާމް ނުވާނެކަމަށް ވިދާޅުވެ ރައީސް މައުމޫން ނެރުއްވި ރައުޔު ރާއްޖޭގެ ގިނަ އިލްމުވެރިންގެ ރަޢުޔާއި ތަފާތުކަން ފާހަގަކޮށްލެވެއެވެ.
ޔޯގާ ހަރާމް ނުވާނެކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާއިރު އަދާލަތު ޕާޓީން އާއްމުކޮށްފައިވާ ދިރާސާ ކަރުދާހެއްގައި ބުނެފައިވާގޮތުން އެންމެހާ ކަންކަމަށް ބަލާއިރު ޔޯގާ އަކީ ހިންދޫ ދީނުގެ އަޅުކަމެއްކަން އެނގި ސާފުވެގެން ދާކަމުގައި ބުނެފައި ވެއެވެ. އަދި ޔޯގާ ދީނަކާއި ނުވަތަ އަޤީދާ އަކާ ގުޅުމެއް ނެތޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމުގައި އެކަރުދާހުގައި ބުނެފައިވެއެވެ.
އަދާލަތު ޕާޓީގެ މިދިރާސާ ކަރުދާސް ނެރުމުގެ ކުރިން ވެސް ރާއްޖޭގެ ގިނައަދަދެއްްގެ ދީނީ އިލްމުވެރިން ވަނީ ޔޯގާ އަކީ ހަރާމްކަމެއް ކަމަށް ވިދާޅުވެ މީޑިއާގައި ވާހަކަދައްކަވާފައެވެ. މިދިޔަ މަހު އިންޑިއާ ހައިކޮމިޝަނާއި ދިވެހި ސަރުކާރު ގުޅިގެން މާލޭގައި ބޭއްވި ޔޯގާ ހަރަކާތެއް ބަޔަކު ގޮސް ހުއްޓުވި މައްސަލަ ވަނީ ހޫނުވެފައެވެ. އެމައްސަލައިގައި ހައްޔަރުކުރި ގިނަ މީހުން އަދިވެސް ތިބީ ބަންދުގައެވެ.
ދާދިފަހުން ކުރީގެ ރައީސް، ރައީސް ނަޝީދު ކޮށްފައިވާ ޓްވީޓެއްގައި ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއުން އެނގެން ނެތް ކަމަށް ވިދާޅުވެ ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދުގެ އެ ޓްވީޓަށް ބައެއް އިލްމުވެރިންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިެއް ކަމުގައިވާ ޑރ. އިޔާޒު ވަނީ، ރައީސް ނަޝީދުގެ މިޓްވީޓަށް ރައްދުދެއްވައި، ދީނީ ކަންކަމުގައި ބަސްބުނުމުގެ ލައިސަންސް ނެތި، މީސްތަކުންނަށް ޙައްޤާއި ބާޠިލް އޮޅޭފަދަ ގޮތަކަށް ނަޝީދު އަމަލުކުރައްވާފައިވާ ކަމަށް ވިދާޅުވެ،ނަޝީދަށް ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީ އަށް ގޮވާލާފަ އެވެ.

