ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ވަކި ސިޔާސީ ފިކުރަކަށް ބަލައި، ސިޔާސީ ތަފާތު ކުރުމެއް ނުގެންގުޅުއްވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ 57 ވަނަ މިނިވަން ދުވަހާއި ގުޅިގެން ރާއްޖެ ޓީވީއިން ގެންސިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، މިނިވަންކަމާއި ޤައުމީ ސަލާމަތުގެ ވާހަކައަކީ އެއްވެސް ގޮތަކަށް ސިޔާސީ ވާހަކައެއް ނޫންކަމަމުގައެވެ. އަދި އެއީ ޤައުމީ ވާހަކައެއް ކަމުގައެވެ. އަދި ރާއްޖޭގެ ޑިފެންސް ޕޮލިސީގެ އެންމެ މުހިއްމު އެއް ކަމަކީވެސް ބައިނަލްއަޤުވާމީ ގުޅުންތައް ކަމަށާއި ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރަންޖެހެނީ އެ ސަބަބުތަކަށްޓަކައި ކަމުގައި، މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކޮށްފައި ވެއެވެ.
“ދިފާއީ ބާރު އޮތީ ނުހަނު ބަދަހިކޮށް. އެކަމަށްޓަކައި ބޭރު ޤައުމުތަކުން އެކަށީގެންވާ ތަމްރީނުތައް ވެސް ދަނީ ދެމުން. މިނިވަންކަމުގެ ވާހަކަ ދައްކަމުން ގޮސް، އެކަކު އަނެކަކު ކަތިލާ ހިސާބަށް ދިއުމުން އެއީ ކަމުދާ ގޮތެއް ނޫން. ރުވެންޑާ ފަދަ ޤައުމުތަކުގައި ހިނގާ ދިޔަގޮތަށް، ސިޔާސީ ސަބަބުތަކަށްޓަކައި ޤައުމު ބައިބައިކުރާ ހިސާބަށް މި ޤައުމުގެ ކަންކަންވެސް ނުގެންދިއުމަށް އަޅުގަނޑު އެދެން.” މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
ބައެއް ފަރާތްތަކުން ގައުމީ ސަލާމަތާއި ސިޔާސީ ކަންކަން އެއްކޮށްލައިގެން ވާހަކަ ދައްކާއިރު އެ ފަރާތްތަކަށް ރައްދު ނުވާގޮތަކަށް އެއްވެސް ވާހަކައެއް އަމާޒުވެގެން ނުދާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަބަދުވެސް މަސައްކަތް ކުރަމުންދަނީ ހުރިހާ ފަރާތަކަށްވެސް ފޯރުކޮށްދޭންޖެހޭ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީގެންކަން ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ އެކަމުގައި ސިޔާސީ ތަފާތު ކުރުމެއް އެއްވެސް ގޮތަކަށް ނުގެންގުޅޭ ކަމަށެވެ.
މާރިޔާ ވިދާޅުވީ އެއްބަސްވުންތަކުގެ ވާހަކަވެސް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި މަޖިލީހުގައި ތަފްސީލު ކޮށްދެއްވާފައި ވާނެ ކަމަށެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ގައުމުގެ އިސްތިގުލާލާއި އެއްބަސްވުންތަކާއި ގުޅުވައި ޒިންމާދާރުކަން ކުޑަ ވާހަކަތައް ދައްކަވަމުން ގެންދާ ކަމުގައި ވިދާޅުވެފައިވެއެވެ.

