އެހެން މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށް އެކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ، އެ ތުހުމަތުކުރި މީހާ ގައިގައި ހައްދު ޖަހަން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށް، އެތުހުމަތު ސާބިތުކޮށް ނުދެވިއްޖެނަމަ، ތުހުމަތު ކުރި މީހާގެ ގައިގައި ގަޒްފްގެ ހައްދު ޖަހަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ މީހުންގެ ހެކިބަސްވެސް ޤަބޫލުނުކުރެވޭނެ ކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާ ޒިނޭ ކުރާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން އިލްޔާސް ވިދާޅުވީ ޒިނޭގެ ތުހުމަތު ކުރާނަމަ އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެކަން ސާބިތުކޮށް ނުދެވޭނަމަ ހައްދު ޖަހަން ޖެހޭނެ ކަމަށާއި އެފަދަ މީހުން ދައުލަތުގެ އިސް މަޤާމުތަކުގައި ބައިތިއްބައިގެން ނުވާނެ ކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ.
ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެފައިވަނީ މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައިފިނަމަ ހަތަރު ހެކި ގެންނަން ޖެހޭނެ ކަމަށާއި ހަތަރު ހެކިން ނުގެނެސްފިނަމަ ގަޒްފުގެ ހައްދު ( އަށްޑިހަ އެތި ފަހަރު) ޖަހަން ޖެހޭނެ ކަމަށެވެ. އަދި އެމީހަކީ ފާސިގެއްކަމަށް ބަލައި އެމީހެއްގެ ހެކިބަސް ގަބޫލް ނުކުރެވޭނެ ކަމަށް އިޔާޒް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ސޯލިހު އަންހެން ކުއްޖަކަޖާއެކު ބަދުއަޚުލާޤީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި އެއަންހެން ކުއްޖާއަކީ އާއިލީ ރަހުމަތްތެރިއެއްގެ ދަރިއެއް ކަމަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން ރައީސް ސޯލިހު ބްލެކްމެއިލް ކުރުމުގެ ކުށާއި އޮރިޔާން ފޮޓޯތައް ގެންގުޅުމުގެ ކުށުގައި ރައީސް ނަޝީދު ހައްޔަރު ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވަމުންނެވެ.

