އިއްޔެއަކީ ދެއްވަދޫއަށް ކަޅު އަދިރި، ހިތާމަވެރި ދުވަހެކެވެ. ދެއްވަދޫގެ އަގުހުރި ތަޢުލީމީ ދަރިޔަކު ކަމުގައިވާ ބުލްބުލާގެ އަހްމަދު މުޖްތަބާ މިދުނިޔެއާއި އަލްވަދާޢުކީ ކުއްލިއަކަށެވެ. މާލޭގައި ހުރުމަށްފަހު ދެއްވަދޫއަށް އައީ ރަށުގައި ތިބި އަނބި މީހާއާއި ތިން ދަރިން ގޮވައިގެން މާލެ ދިޔުމަށެވެ.
މުޖްތަބާ ނިޔާވީ ދެއްވަދޫގައި ހުއްޓައި ކުއްލިއަކަށް ބަލިވުމުން ދެއްވަދޫ ސިއްޙީ މަރުކަޒުގައި އެޑްމިޑްކޮށް ފަރުވާދިނުމަށްފަހު ގެންދިޔައީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ. ނަމަވެސް ހާލު ދެރަވެ، އިތުރު ފަރުވާއަށް އިއްޔެ މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މުޖުތަބާ ވަނީ ނިޔާވެފައެވެ.
ވިލާ ފައުންޑޭޝަން ލޯން އެހީގެ ދަށުން މުޖްތަބާ ވަނީ މެލޭޝިޔާގެ މަލްޓިމީޑިއާ ޔުނިވާސިޓީން ފުރަތަމަ ޑިގްރީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ފިނޭންސް އަށް ހާއްސަވެ، އޯޕަން ޔުނިވާސިޓީން 2012 ވަނަ އަހަރު މާސްޓާސް ހާސިލްކުރައްވައިފަ އެވެ.
މުޖްތަބާވަނީ ދެއްވަދޫގެ މުވައްޞަސާތަކުގައި މީހުން ތަމްރީން ކުރުމުގެ އެކިއެކި ޕްރޮގްރާމްތައް ހިންގައި ރަށުގެ ތަރައްޤީ އާއި ކުރިއެރުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
މުޖްތަބާއަކީ ހުވަދުއަތޮޅުގެ ތަރައްޤީއަށް ވަރަށް ބޮޑަށް ވަކާލާތް ކުރެއްވެވި ބޭފުޅެކެވެ. ކުލަބް ހައުސްގައި މިފަހުން ހުވަދު އަތޮޅުގެ އިންޓަނޭޝަނަލް އެއާޕޯރޓްއެއް އެޅުމަށް ވަރަށް ބޮޑަށް ވަކާލާތް ކުރެއްވެވިއެވެ.
މުޖްތަބާ ނިޔާވުމުން ފިނޭންސް މިނިސްޓްރީގެ ފޭސްބުކް ޕޭޖްގައި ހާމަކޮށްފައިވާ ތަޢުޒިޔާގެ މެސެޖްގައިވަނީ މުޖްތަބާ މިނިސްޓްރީ އާއި ގުޅިވަޑައިގަތީ 2008 ވަނަ އަހަރު ކަމަށެވެ. އަދި ފާއިތުވި 14 އަހަރު ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުއްވުމުގައި ވަރަށް އިސްދައުރެއް މުޖްތަބާވަނީ އަދާކުރައްވާފަކަމަށެވެ. އަވަހާރަވިއިރު މުޖްތަބާ ހުއްނެވީ ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކްޓިވްގެ މަޤާމުގައެވެ.
މުޖުތަބާ ވަނީ ނޭޝަނަލް ޓެންޑާ ބޯޑުގެ ސެކްރެޓަރީކަމާއި، ބިޑް ކޮމިޓީގެ ވައިސް ޗެއާމަންކަމާއި ސީއެމްޑީއޭގެ އޮޑިޓް އެންޑް ރިސްކް ކޮމިޓީގެ ޗެއާމަންކަމާއި އެ އޮތޯރިޓީގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ.
މުޖްތަބާ ނިޔާވުމުން އޭނާގެ ރައްޓެހިންނާއި އެކުގައި މަސައްކަތް ކުރެއްވެވި މީހުން ދަނީ އޭނާއަށް ހެޔޮދުޢާ ކުރުމުގެ މެސެޖްތައް ފޭސްބުކްގައި ހިއްސާކުރަމުންނެވެ. މިގޮތުން މަސީގެ ރައީސް ކަމާއި ނައިބްރައީސްކަން ކުރައްވާފައިވާ ރައްޔިތުންގެ ހާއްސަ މަޖްލީހުގެ ކުރީގެ ހުވަދު އަތޮޅުގެ މެންބަރު އަދްނާން ހަލީމު އޭނާގެ ފޭސްބުކްގައި ހިއްސާ ކޮށްފައިވާ ތަޢުޒިޔާ މެސެޖްގައިވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންކަން އިޞްލާޙުކޮށް ކޮންޓްރެކްޓަރުންނަށް ދިމާވަމުންދާ ގޮންޖެހުންތައް ޙައްލުކުރެވޭތޯ މަސީއާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި މިނިސްޓްރީ އޮފް ފިނޭންސްގެ ޗިފް ޕްރޮކިއުމެންޓް އެގެޒެކެޓިވް ގއ. ދެއްވަދޫ / ބުލްބުލާގެ ، އަޙްމަދު މުޖުތަބާ ނިޔާވި ޚަބަރު ލިބުނީ ފުން ހިތާމައާއި ކުއްލި ޙައިރާން ކަމަކާއެކުގައި ކަމަށެވެ.
ދިވެހި ބަހުގެ އަކަޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ އޭނާގެ ފޭސްބުކް ގައި ލިޔުއްވާފައިވަނީ ލޮބުވެތި މުޖޭ-ކުޑަ ހިނދުކޮޅަކަށް ހިތްތަކަށް އުފާދިން ބުލްބުލެއް
ކަމަށެވެ. އަޝްރަފް ލިޔުއްވާފަވެއެވެ؛ އަޅުގަނޑާ ސީދާ ދިމާވީ 2021 ނޮވެންބަރު 19އިން 20އަށް ހުވަދު އަތޮޅު އުތުރުބުރީ ވެރިކަންކުރާ ރަށް، ވިލިނގިލީގައި އޮތް ދެކުނުހުވަދޫ ތަރައްގީގެ މަހާސިންތާއިންނެވެ. މުޖޭ އަޅުގަނޑާ ބައްދަލުކުރެއްވިއެވެ. އަޅުގަނޑާ ބައްދަލުވެ ވާހަކަދައްކަން ބޭނުންފުޅުވެފައި ހުންނަވާތާ އެތައް ދުވަހެއް ވެއްޖެކަމަށާއި އަޅުގަނޑު ހުވަދޫ މީހަކަށް ވީތީ ވަރަށް އުފާފުޅުކުރައްވާ ކަމާއި އަޅުގަނޑު ބަހާއި އަދަބަށް ކުރާ ޚިދުމަތްތަކަށް ތާރީފުކުރައްވައި މި ކަހަލަ ބައިވަރު ދެއްކެވިއެވެ. އަތޮޅުގެ ތަރައްގީގެ ތަދުބީރުތައް ކުރެވޭ އިރު އަތޮޅުގެ މުއްސަނދި ސަގާފަތާއި ތަރިކައާއި ބަހުރުވައާއި އެއްބައިވަންތަ ހަމަތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވަން ވާނެކަމަަށް އަޅުގަނޑު އެރުވި މަޝްވަރާއަށް ވަރަށް ބޮޑަށް އިހުތިރާމުކުރައްވައި އެ ކަމުގެ އަސާސްތައް އެންމެ އަސާސީ ކަންކަމުގެ ތެރޭ ހިމެންވާނެކަމަށް ވެސް ވިދާޅުވިއެވެ. މުޖޭއަކީ މާލީކަންކަމާއި އޭގެ ތަދުބީރުތައް ކުޅައުމާއި އިގުތިސާދީ ތަރައްގީގެ އިސްތިރާތީޖީ ތަދުބީރުތައް ރޭއްވެވުމުގައި ވަރަށް ޤާބިލް ޒުވާނެކެވެ. ؛
މުޖްތަބާ ދަންނަ ކޮންމެ މީހަކުވެސް ބުނަނީ އެއް ވާހަކައެކެވެ. އެއީ ހިތްހެޔޮ އޯގާތެރި ރައްޓެއްސެއްކަމުގައެވެ.
މަތިވެރި ﷲ މުޖުތަބާގެ ފާފަފުއްސަވައި ސުވަރުގޭގެ މަތިވެރި ދާއިމީ ނިއުމަތް ދެއްވާށި، އާމީން!

