ގދ.ތިނަދޫގެ ދެއެތުލީޓުންނާއެކު ޤައުމީ އެތްލެޓިކްސް ޓީމް ތުރުކީއަށް ފުރައިފިއެވެ.
ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެތްލެޓިކްސް މުބާރާތެއްގައި ބައިވެރިވުމަށް ރާއްޖޭގެ ޤައުމީ ޓީމުގެ 12 ކުޅުންތެރިން ވަނީ ރޭ ފުރައިފައެވެ.
ޖުމްލަ 6 އަންހެންކުދިންނާއި 6 ފިރިހެން ކުދިން ހިމެނޭ ރާއްޖޭގެ ޤައުމީ ޓީމުގައި ގދ.ތިނަދޫއަށް ނިސްބަތްވާ ދެއެތުލީޓުން ކަމަށްވާ މުހައްމަދު ނާހިލް ނިޒާރު އާއި އިބާދުﷲ އާދަމް ހިމެނެއެވެ.

ރާއްޖޭގެ ޤައުމީ ޓީމް ތުރުކީއަށް ފުރަން އެއަރޕޯޓުގައި
2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު 9 ޓޯނަމެންޓް ކާމިޔާބުކޮށްފައިވާ އިބާދުﷲ އަކީ ނޭޝަނަލް ސީނިއަރ ޓީމް އަދި ސައުތް އޭޝިޔަން ޖޫނިޔަރ ބްރޯންޒް މެޑަލް ރިލޭ ޓީމްގެ މެމްބަރެކެވެ. އަދި ރާއްޖޭގައި ދެވަނައަށް އެންމެ ބާރު ދުވުންތެރިޔާއެވެ. އެހެންނަމަވެސް މިއީ ޤައުމީ ޓީމުން ނާހިލްއަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
9 އޮގަސްޓް 2022 އިން 10 އޮގަސްޓް 2022 އަށް ތުރުކީގެ ކޮންޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގެ 5 ވަނަ އެޑިޝަންގެ އިވެންޓުގައި ރާއްޖޭގެ އެތުލީޓުން ވާދަކުރާނީ 100 މީޓަރާއި، 200 މީޓަރު، އަދި 1000 މީޓަރަށެވެ.
- މުހައްމަދު ނާހިލް ނިޒާރު ލޯންގް ޖަމްޕް ޖަހާނީ 100 މީޓަރު އަދި 400 މީޓަރަށް
- އިބާދުﷲ އާދަމް ވާދަކުރާނީ 100 މީޓަރާއި 200 މީޓަރު އަދި 400 މީޓަރަށް
ކޯޗު ރައުހަތު ހުވަދޫ ނިއުސްއަށް މައުލޫމާތު ދިން ގޮތުގައި ނާހިލް ދިވެހި ރާއްޖޭގެ ލޯންގް ޖަމްޕް ޤައުމީ ރިކޯޑް ހަދާނެ ކަމުގެ އުއްމީދު ވަރަށް ބޮޑަށް އެބައޮތެވެ.
ތުރުކީއަށް ފުރަން އެއަރޕޯޓުގައި ހުރެ ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ނާހިލް އާއި އިބާދުﷲ ބުނެފައިވަނީ ރައުހަތު ކޯޗުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށާއި އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް މުބާރާތް ކާމިޔާބުކޮށް ޤައުމަށް އަދި ވަކިން ހާއްސަކޮށް ހުވަދު އަތޮޅަށާއި ތިނަދޫއަށް ރީތި ނަން ހޯދައިދީ ފަޚުރުވެރި މަޤާމެއް ހޯދާނެ ކަމުގެ ޔަޤީންކަން އެދެކުދިން ވަނީ ދީފައެވެ. އަދި މި ދެކުދިންނަކީވެސް ކޯޗު ހުސައިން ރައުހަތުގެ ޓްރެއިނިންގެ ދަށުން ތިނަދޫއިން އެތްލެޓިކްސްގެ ދާއިރާއަށް ނުކުތް ދެކުދިން ކަން ދެކުދިން ވަނީ ފާހަނގަކޮށްފައެވެ.

