މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގޮތްދޫކުރުމަށް ފަހު އެނބުރި ޓީމާއި ގުޅިއްޖެއެވެ. އަދި މިރޭ އޯލްޑް ޓްރެފޯޑުގައި ކުޅެން ހަމަޖެހިފައިވާ ރަހުމަތްތެރިކަމުގެ މެޗުން ރޮނާލްޑޯ ފެނިގެންދާނެއެވެ.
މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯ އަމިއްލަ ސަބަބުތަކާ ހުރެ އަންނަ ސީޒަންގައި ޓީމް ދޫކޮށްލަން ބޭނުންވާ ކަމަށްބުނެ ޔުނައިޓެޑުން ތައިލެންޑާއި އޮސްޓްރޭލިއާ ގައި ކުރިއަށް ގެންދިޔަ ޕްރީ ސީޒަން ޓުއާގައި ބައިވެރިވެފައި ނުވެއެވެ. އެހެންނަމަވެސް ރޮނާލްޑޯ މިވަނީ އަލުން ޓީމާއި ގުޅި މިރޭގެ މެޗަށް ފަރިތަކުރުންތައް ފަށާފައެވެ.
ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހަގް ބުނި ގޮތުގައި މިރޭ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި ރޮނާލްޑޯ ހިމެނޭނެ ކަމަށާއި އަންނަ ސީޒަނުގައިވެސް ރޮނާލްޑޯ އަކީ ވަރަށް މުހިންމު ކުޅުންތެރިއަކަށް ވާނެ ކަމަށެވެ. އަދި ރޮނާލްޑޯއަކީ ވިއްކާ ކުޅުންތެރިއެއް ނޫންކަމަށްބުނެ ޔުނައިޓެޑްގެ ކޯޗު އަބަދުވެސް ރޮނާލްޑޯއަށް ތައުރީފްކުރެއެވެ.
ޔުނައިޓެޑް ދޫކޮށްލަން ނިންމުމަށްފަހު ގިނަ ކްލަބްތަކާއެކު އޭނާވަނީ މަޝްވަރާކޮށްފައެވެ. އޭގެތެރޭގައި ޕީއެސްޖީ އާއި ޗެލްސީ އަދި އޭނާ ކުރިން ކުޅުނު ރެއާލް މެޑްރިޑާ ވާދަވެރި އެތުލެޓިކޯ މެޑްރިޑް ހިމެނެއެވެ. އެހެންނަމަވެސް އެއްވެސް ޓީމަކުން ރޮނާލްޑީއަށް ޖާގަ ނުދިނެވެ.
މިރޭގެ މެޗަށް ކުޅުންތެރިން ތައްޔާރުކުރުމަށް ހާއްސަކޮށް އެޓޭކިން ކުޅުންތެރިން ޓްރެއިން ކުރުމަށް ކުރިން ޕޯޓޯ އާއެކު ޗެމްޕިއަންސް ލީގު ހޯދި ދެކުނު އެފްރިކާގެ ފޯވާޑް ބެނީ މެކާތީ، ޓީމުގެ ކޯޗިންގައި ވަނީ ހިމަނާފައެވެ.
މިރޭ ވަޔެކާނޯއާ ދެކޮޅަށް ކުޅުމަށް ފަހު، ޔުނައިޓެޑުން މި ސީޒަނުގެ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށެވެ.

