ގއ.ކޮލަމާފުށީ ސްކޫލްގެ ދަރިވަރުންނަށް ހާއްސަކޮށްގެން "ކިޑްސް ފުޓްބޯލް ކޯޗިންގ ކޭމްޕް" ގެ ނަމުގައި ކޭމްޕެއް ބާއްވައިފިއެވެ.
ޖުލައި 18 އިން 28 އަށް ބޭއްވި މިކޭމްޕަކީ ކޮލަމާފުށީ ޕޮލިސް ސްޓޭޝަނާއި، ކޮލަމާފުށީ ކައުންސިލާއި ބާހަތް ސްޕޯޓްސް އެކަޑަމީ ގުޅިގެން ކުރިޔަށް ގެންދެވުނު ކޭމްޕެކެވެ.
މިކޭމްޕާއި ބެހޭ ގޮތުން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ކޭމްޕްގެ ކޯޗް ހުސައިން ނިހާދު ބުނާ ގޮތުން މިފަދަ ކޭމްޕެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ކޮލަމާފުށީ ސްކޫލު ދަރިވަރުން ފައިދާކުރަނިވި ގޮތަކަށް ޗުއްޓީ ދުވަސްތައް ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި 10 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދެވުނު ފުޓްބޯޅަ ކޯޗިން ކޭމްޕުގައި ކޮލަމާފުށީ ސްކޫލްގެ އުމުރުން 7 އަހަރާއި 15 އަހަރާއި ދެމެދުގެ 45 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ކިޑްސް ފުޓްބޯލް ކޯޗިންގ ކޭމްޕްގެ ތެރެއިން – ފޮޓޯ: ފުލުހުން
ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ވަނީ ވަރަށް ކުލަގަދަކޮށް ފާހަނގަކޮށްފައެވެ. އެގޮތުން ކޮލަމާފުށީ ފުޓްސަލް ދަނޑުގައި ބޭއްވުނު މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ސައުތް ޕޮލިސް ސަބް ރީޖަން ކޮމާންޑަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ހުސައިންއެވެ.

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ސައުތް ޕޮލިސް ރީޖަންގެ ސަބްއިންސްޕެކްޓަރ ނާހިދު ހުސައިން އދި ކޯޗު ހުސައިން ނިހާދު
ކޯޗު ހުސައިން އިތުރަށް ބުނެފައިވަނީ މި ކޭމްޕުގެ ތެރެއިން، ފުޓުބޯޅައިގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދީ ދާއިރާގައި ކުރިއަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރެއްވި ކަމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ އިތުރުން ކުދިން އެކުގައި އުފާވެރި މަޖާ ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދެވުނު ކަމަށެވެ.

ކިޑްސް ފުޓްބޯލް ކޯޗިންގ ކޭމްޕްގެ ތެރެއިން – ފޮޓޯ: ފުލުހުން
މީގެއިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް މަސައްކަތްކުރާނެ ގޮތާއި ހެލިފެލިވެ އުޅުމުން ލިބިދޭ ފައިދާތަކުގެ އިތުރުން ގަޑިއަށް ފަރުވާތެރިވާނެ ގޮތާއި އެކަމުގެ މުހިންމު ކަމާ ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ހިއްސާކުރެވުނު ކަމަށް ކޯޗު ހުސައިން މައުލޫމާތު ދިނެވެ. އަދި ފުޓްބޯޅައާ ގުޅޭގޮތުން ދަރިވަރުންނަށް އެނގެންޖެހޭ މުހިންމު މައުލޫމާތާއި ހުނަރުތައްވެސް މިކޭމްޕުގައި ދަސްކޮށްދެވުނު ކަމަށް ހުސައިން ވަނީ މައުލޫމާތު ދީފައެވެ.
ބާހަތް ސްޕޯޓްސް އެކަޑަމީ އަކީ ކޮލަމާފުށީގައި ވަރަށް ގިނަ ކުޅިވަރު ހަރަކާތްތައް ރާވާ ހިންގާ އެކަޑަމީއެކެވެ. އަދި މިކޭމްޕަކީ ވަރަށް ކާމިޔާބު ކޭމްޕެއް ކަމަށް ކޯޗު ބުނެފައިވެއެވެ.

