ގދ. ކާޑެއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި ކާޑެއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ކާޑެއްދޫ 170 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށްފަހު 890 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވަނީ ނިންމާލެވިފައެވެ.
9.52 މިލިޔަން ރުފިޔާގެ މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ދަށުން، މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، އެއްގަމުތޮށި ލުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހުވަދުއަތޮޅުގެ މައި އެއަރޕޯޓް އޮންނަ ކާޑެއްދޫގެ ޖެޓީގެ ފަސްގަނޑު ދަމައިގަނެ މިދިޔަ ޖެނުއަރީމަހު ޖެޓީ ވަނީ ވެއްޓިފައެވެ. އެހެންކަމުން އެމްޓީސީސީން ވަނީ ހަމައެދުވަހު އެ ރަށަށް ގޮސް ޖެޓީން ވެއްޓިފައިވާ ބަޔާއެކު ޖެޓީގެ މަރާމާތު ކުރުމަށް ބޭނުންވާ ސާވޭ ކުރުމުގެ މަސައްކަތް ފަށާފައެވެ.
ކާޑެއްދޫ އެއަރޕޯޓާއި ހަވާލުވެ ހުންނެވި މެނޭޖަރ އަހުމަދު ހަބީބް ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ދެވަނަ ފޭސްއެއް ކުރިޔަށް ގެންދާން ޕްލޭނިންގ މިނިސްޓްރީން ނިންމާފައިވާ ކަމެއް ވިލާއަށް އެނގިފައި ނުވާ ކަމަށާއި އެހެންނަމަވެސް ވިލާގެ ފަރާތުން ކާޑެއްދޫ ޖެޓީގެ މަސައްކަތް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށާއި ޖެޓީ ހަދާއިރު މިހާރު ކާޑެއްދޫގައި އިން ޖެޓީ ބޭނުން ނުކުރާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
ހަބީބް އިތުރަށް ވިދާޅުވީ ކާޑެއްދޫއަށް އަންނަ ފަތުރުވެރިން ބޭނުން ކުރާ ރަސްމީ ޖެޓީ ރަށުގެ އުތުރު ފަރާތަށް ބަދަލުކުރުމަށް ވިލާއިން ނިންމާފައިވާ ކަމަށާއި ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއަރ ކުންފުންޏަށް ކާޑެއްދޫ އެއަރޕޯޓް ހިންގަން 50 އަހަރަށް 2013 ވަނަ އަހަރު ދީފައިވަނިކޮށް ރައީސް ޔާމީންގެ ސަރުކާރުގައި 2107 ވަނަ އަހަރުގެ ތެރޭގައި އެ އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ. އެއްބަސްވުން ބާތިލުކޮށް އެއަރޕޯޓް އަތުލަން ސަރުކާރުން ދެއްކި ސަބަބަކީ ސިވިލް އޭވިއޭޝަންގެ މިންގަޑުތަކާއި ހިލާފަށް ހިންގާކަމަށް ބުނެއެވެ.
ކޯޓުގެ ނިންމުމާއެކު ވިލާ އެއަރއިން ވަނީ މި މައްސަލާގައި ސިވިލްކޯޓާއި ހައިކޯޓުގައި ދައުލަތާއި ދެކޮޅަށް ދައުވާކޮށްފައެވެ. އެ ދެކޯޓުންވެސް މައްސަލަ ނިންމާފައިވަނީ ވިލާ އެއަރއާ އެއްކޮޅަށެވެ. އަދި އެއްބަސްވުން އުވާލީ ގޯސްކޮށްކަމަށް ކަނޑައަޅާ އެއަރޕޯޓް ވިލާއާއި ހަވާލުކުރުމަށް ދެކޯޓުގެ ހުކުމްގައިވެސް ވެއެވެ.
ދަށުކޯޓްގެ ނިންމުންތައް ސުޕްރީމްކޯޓްގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ. މި މައްސަލަ ނިންމާ ސުޕްރީމްކޯޓުން ނިންމި ނިންމުމުގައިވެސް ވަނީ ދަށުކޯޓްގެ ނިންމުންތަކަށް ތާއިދުކޮށް އެ ނިންމުންތައް ދަމަހައްޓާފައެވެ. ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

