2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވަގުތީ ލީޑަރު ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވާދަކުރައްވާނެ ކަމަށް މިއަދު ވިދާޅުވެއްޖެއެވެ.
މީޑީޔާއަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ އެ ޕާޓީން ބާއްވާ ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެ ނަމަ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެނޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާނެ ކަމަށެވެ.
މީގެއިތުރުން ޤައުމު މިވަގުތު މިއޮތް ހާލަތުން އަރައިގަތުމަށް އެޕާޓީގެ ކެނޑިޑޭޓަކު ނުކުމެ މަސައްކަތްކުރަން ޖެހޭ ކަމަށް ނާޒިމް ވަނީ މީޑީޔާއަށް މައުލޫމާތު ދީފައެވެ.
2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ކެނޑިޑޭޓަކު ހޮވުމަށް ޕްރައިމަރީއެއް ބާއްވާނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވެއެވެ. އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގެ ތާރީހް ކަނޑައަޅާނީ އެ ޕާޓީގެ ކޮންގްރެސްގައެވެ.
ނާޒިމްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމްވެސް ރިޔާސީ އިންތިހާބަށް ޕްރައިމަރީއަށް ނުކުންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޤާސިމްގެ އެޑްވައިޒަރ އިލްހާމް އަހުމަދު ވިދާޅުވެފައިވީ ނަމަވެސް ގާސިމް އިބްރާހިމް ކެންޑިޑެސީ އަދި އިއުލާނެއް ނުކުރެ އެވެ.

