އައްޑޫ ސިޓީގެ ހިތަދޫއަށް އުފަން ޒުވާނަކު ކުޑަ އިރުއްސުރެ، ދެކެމުން އައި ހުވަފެނެއް ކަމުގައި އަމިއްލަޔަށް ފްލައިޓެއް ހެދުން ވެއެވެ. ޕެޓްރޯލް އިންޖީނަކާއެކު، ދުއްވާލެވޭ ރިމޯޓް ކޮންޓްރޯލް ފްލައިޓެއް އަމިއްލަޔަށް ތައްޔާރުކޮށް، މިޒުވާނާ ވަނީ އޭނާގެ ހުވަފެން ހަޤީޤަތަކަށް ހަދާފައެވެ. މިޒުވާނާގެ މިހާރު އަމާޒަކީ މީހުންނަށް ދަތުރުކުރެވޭ އަމިއްލަ ފްލައިޓެއް ތައްޔާރު ކުރުމެވެ.
އައްޑޫ ސިޓީ ހިތަދޫ، އަލިމަސްވާދީ، އިބްރާހިމް ވަހީދު، (އިއްބާ) އަކީ ކުޑައިރުއްސުރެ، އިންޖިނިއަރިންގ މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ހުނަރުވެރި މީހެކެވެ. ގާތް އެކުވެރިން ބުނާގޮތުން، އެންމެ ތުއްތުއިރުއްސުރެ، އިއްބާ އަކީ ފްލައިޓަށް ޚާއްސަ ޝައުޤުވެރިކަމެއް ގެންގުޅޭ ޒުވާނެކެވެ. އެކުވެރިން ބުނާގޮތުން، ފްލައިޓާއި ބެހޭ ތަފާތު މުހިންމު މަޢުލޫމާތު ޅައުމުރުގައިވެސް އިއްބާއަށް އެނގުމުގެ އިތުރުން، އެރޯ ޑައިނަމިކްސް ދަންނަކަން ފާހަގަކުރެވެއެވެ. އަދި މި މަޢުލޫމާތުތަކަކީ، އެއްވެސް ރަސްމީ ތަޢުލީމުދޭ ތަނަކުން އޭނާ ދަސްކޮށްފައިވާ އެއްޗެއް ނޫނެވެ. އުދުހޭ ފްލައިޓެއް އަމިއްލަޔަށް އުފެއްދުމަކީ އަބަދުވެސް އިއްބާގެ ހުވަފެނެކެވެ. ގިނަބަޔަކު ދެކޭގޮތުގައި އިއްބާއަކީ، އިންޖިނިއަރިންގް މަސައްކަތަށް ފުންނާބު އުސް، ހުނަރުވެރި މީހެކެވެ. އިންޖީނު މޮޑިފައިކޮށްގެން ހެދުންފަދަ މަސައްކަތްތަކުން އިއްބާގެ ހުނަރު ފާހަގަކޮށްލެވެއެވެ.
ފްލައިޓްގެ މަސައްކަތަކީ، އެކްސްޕެރިމަންޓަކަށް ކޮށްފައިވާ މަސައްކަތެއްގެ ގޮތުގައި އިއްބާ ބުނެއެވެ. އިއްބާ ބުނެފައިވާގޮތުގައި 1960ގެ އަހަރުތަކުގައި، އައްޑޫ މީހަކު ކުރިން ފްލައިޓެއް ހެދިވާހަކަ އަޑުއިވުނުކަމަށާއި، އެހިސާބުންވެސް، އަމިއްލަޔަށް ފްލައިޓެއް ހެދުމަކީ ކުރެވިދާނެކަމެއްކަން އެނގިގެން ދިޔަކަމަށެވެ. ފްލައިޓް އެއްކޮށް ހަދާ ނިންމުމަށް ގާތްގަނޑަކަށް 6 މަސްދުވަސް ނަގާފައިވާކަމަށް އިއްބާ ބުނެއެވެ.

އިއްބާ ތައްޔާރު ކޮށްފައިވާ ފްލައިޓް – ފޮޓޯ: ހުވަދޫ ނިއުސް
ފްލައިޓްގެ ބޮޑުމިނުގައި 1.8 މީޓަރ ހުންނައިރު، ފްލައިޓްގެ މުޅި ބޮޑި ހަދާފައިވަނީ ލަކުނޑިން ބޭރު ފައިބަރ ކޯޓިންގ އެއް ހިމަނައިގެންނެވެ. ފްލައިޓްގައި ބޭނުންކޮށްފައިވަނީ، 32 ސީސީގެ ޕެޓްރޯލް އެއަރ ކްރާފްޓް އިންޖީނެކެވެ. މިފްލައިޓް ރިމޯޓް ކޮންޓްރޯލްގެ ރޭންޖް 4 ކިލޯމީޓަރ ހުރެއެވެ. މިފްލައިޓަކީ ޗެޝްނާ 182 މޮޑެލް ސީޕްލޭން ނަމޫނާއަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ އާރުސީ ސީޕްލޭންއެކެވެ. ފްލައިޓްގެ މަސައްކަތުގައި އެންމެ ފުރަތަމަ ހެދީ ފްލައިޓްގެ ވިންގް ސްޕޭން ކަމުގައި އިއްބާ ބުނެއެވެ. ވިންގް ސްޕޭން ހެދުމަށް ގިނަ މަޢުލޫމާތު ހޯދީ އިންޓަރނެޓުން ކަމުގައި އިއްބާ ބުނެއެވެ. އަސްލު ފްލައިޓެއްގެ މިން ބަލައި، އެ މިން މިވަރު ފްލައިޓަކަށް ކުޑަކުރީ ކަމުގައި އިއްބާ މަޢުލޫމާތު ދެއެވެ.
އިއްބާގެ ފްލައިޓަށް ދީފައިވާ ނަމަކީ، EBAA- 1032 އެވެ. ފްލައިޓް ރޭޑަރ ޓެސްޓްކޮށް، ކަނދު ޓެސްޓް ކުރުމަށް ޓެސްޓް ރައުންޑެއްވެސް އިއްބާ ވަނީ ކުރިޔަށް ގެންގޮސްފައެވެ. ޓެސްޓްތަކުން ރިމޯޓް ކޮންޓްރޯލިންގ އަދި ފްލައިޓް ޕާފޯމަންސް ވަރަށް ރަނގަޅުކަން ފާހަވެގެން ގޮސްފައިވެއެވެ. އިއްބާ ބުނާގޮތުން ދެންއޮތީ ފްލައިޓް އުދުއްސާލައި ޓެސްޓްކުރުން ކަމަށާއި، އާރުސީ އެއަރ ކްރާފްޓް ކޮންޓްރޯލިންގ އަށް އަދި އޭނާ އެހާ ފަރިތަ ނޫންކަމަށާއި، އަދި ދުވަހަކުވެސް އާރުސީ ފްލައިޓެއް ނުއުދުއްސާ ކަމުގައި އޭނާ ބުނެއެވެ. ފްލައިޓް އުދުއްސާލެވޭނީ، އާރުސީ ފްލައިޓަށް ކޮންމެވެސް ވަރަކަށް ފަރިތަކޮށްގެން ކަމުގައި އިއްބާ ބުނެއެވެ.

އިއްބާ ތައްޔާރު ކޮށްފައިވާ ފްލައިޓް – ފޮޓޯ: ހުވަދޫ ނިއުސް
އިއްބާގެ ވިސްނުމަކީ މީހުންނާއެކު ދަތުރު ކުރެވޭ އަސްލު ފްލައިޓެއް ހެދުމެވެ. އިއްބާ ބުނެފައިވާ ގޮތުން އަމިއްލަ އަށް ބޮޑީ ހަދައިގެން އެއަރކްރާފްޓެއް ހެދުމަކީ ކުރެވިދާނެކަމެއްކަން ޔަޤީން ކުރެވިފައި ވާކަމަށެވެ. މިފަދަ ކުޑަ އާރު ސީ ފްލައިޓެއްގެ ސްޓްރަކްޗަރ އަމިއްލަޔަށް ތައްޔާރުކޮށް ތަޖުރިބާ ކުރުމުން ވަރަށް ހިތްހަމަޖެހޭ ކަމުގައި އިއްބާ ބުނެއެވެ. ރަނގަޅު ފަންޑިންގ އެއް ލިބިއްޖެނަމަ، އަސްލު ފްލައިޓެއް ހެދުމަކީ އެއްވެސް ކަމެއް ނޫންކަމުގައި އިއްބާ ބުނެއެވެ.
ސްޓްރަކްޗަރ އަމިއްލަޔަށް ތައްޔާރުކޮށް، އެއަރކްރާފްޓް އިންޖީންއެއް އަޅުވައިގެން ތައްޔާރު ކުރެވިދާނެކަމުގެ އިތުބާރު ލިބިފައިވާކަމުގައި އިއްބާ ދެކެއެވެ. އިއްބާ ބުނާގޮތުން، މިމޮޑެލް ސީޕްލޭން ރާއްޖޭގައި ނެތެވެ. ޗެޝްނާ 182 މޮޑެލް ސީޕްލޭނެއް ތައްޔާރު ކުރުމަކީ މާއުދަނގޫ ކަމެއް ނޫންކަމުގައި އިއްބާ ދެކެއެވެ. ބޭނުންވާ ހުރިހާ އިންސްޓްރޫމަންޓް އަދި އިންޖީން ބޭރުން ލިބެން ހުންނައިރު، ހަމައެކަނި ތައްޔާރުކުރަންޖެހެނީ، ފްލައިޓް ސްޓްރަކްޗަރ ކަމުގައި އިއްބާ ބުނެއެވެ.

އިއްބާ ތައްޔާރު ކޮށްފައިވާ ފްލައިޓް – ފޮޓޯ: ހުވަދޫ ނިއުސް
ތަޖުރިބާކާރު އެކްސްކަވޭޓަރ އޮޕަރޭޓަރެއްގެ ގޮތުގައި ތަފާތު އެކި ޕްރޮޖެކްޓްތަކުގައި 16 އަހަރަށްވުރެ ގިނަދުވަހު އިއްބާ މަސައްކަތް ކޮށްފައިވާއިރު، މިފްލައިޓްގެ މަސައްކަތްވެސް ފަށައިގަނެވުނީ، އއ. ތޮއްޑޫ ބަދަރު ހެދުމުގެ މަސައްކަތުގައި އުޅެމުން ލިބޭ ހުސްވަގުތުއެވެ. ވަޑާމުގެ މަސައްކަތް، ވެލްޑިންގ ކުރުން ފަދަ މަސައްކަތަކުގައިވެސް އިއްބާގެ ހުނަރު ފާހަގަކޮށްލެވެއެވެ.
އިއްބާ ފަދަ ހުނަރުވެރި އެތަކެއް ޒުވާނުން އަހަރަމެންގެ ތެރޭގައި ތިބޭނެކަމީ ޝައްކެއް ނެތް ކަމެކެވެ. މިފަދަ ހުނަރުވެރި ޒުވާނުންގެ ހުނަރު ކުރިއަރުވައި، ކުރިޔަށް ދިޔުމަށް ފުރުޞަތު ހޯދައިދިނުމަކީ މިފަދަ ހުނަރު ކުރިއަރުވަން ކުރެވިދާނެ ކަމެކެވެ. އިއްބާގެ އަމާޒަށް ވާސިލްވުމަށް، ރަނގަޅު ފަންޑިންގ އެއް ލިބި މީހުންނާއި އެކު ދަތުރުކުރެވޭ ފްލައިޓެއް ހެދުމުގެ މަގު ފަހިވެގެން ދިޔުމަކީ ހުވަދޫ ނިއުސްގެ އުއްމީދެކެވެ.

