އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރަށް ދޭން އެ ޕާޓީގެ ކައުންސިލުން ނިންމައިފިއެވެ.
ފުވައްމުލަކު ސިޓީގައި އިއްޔެ ބޭއްވުނު ޑީއާރުޕީ ކައުންސިލުގެ ހާއްސަ ބައްދަލުވުމުގައި މިކަން ވަނީ އިއުލާންކޮށްފައެވެ. އަދި ޕާޓީ ކައުންސިލުގެ އެނިންމުން ޖާބިރު ވަނީ ޤަބޫލުކޮށްފައެވެ.
“ވަގުތު” މީޑީޔާއަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ޑީއާރުޕީގެ ކެނޑިޑޭޓަކީ ޖާބިރު ކަމަށާއި އޭނަގެ ރަނިންމޭޓަކީ އަންހެން ބޭފުޅެއް ކަމަށެވެ. އަދި ވަރަށް އަވަހަށް ރަނިންމޭޓަކަށް ހޮވާ އަންހެން ބޭފުޅާ އިއުލާން ކުރައްވާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބަށް މިހާރުވެސް ކެމްޕެއިން ފަށާފައިވާ ކަމަށާއި ކެބިނެޓްވެސް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.
ޖާބިރުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވަގުތީ ލީޑަރު ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމްވެސް ރިޔާސީ އިންތިހާބަށް ޕްރައިމަރީއަށް ނުކުންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޤާސިމްގެ އެޑްވައިޒަރ އިލްހާމް އަހުމަދު ވިދާޅުވެފައިވީ ނަމަވެސް ގާސިމް އިބްރާހިމް ކެންޑިޑެސީ އަދި އިއުލާނެއް ނުކުރެ އެވެ.

