މަންޓާ އެއާއާ ދެކޮޅަށް ދ. ކުޑަހުވަދޫ ރައްޔިތުން އެއާޕޯޓު ސަރަހައްދުގައި ކުރި މުޒާހަރާގައި ބައިވެރިވި 6 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ހާޓް އެޓޭކެއް ޖެހުނު މީހަކު އިމަޖެންސީގައި މާލޭ ގެންގޮސްދޭން ފްލައިޓެއް ހަމަނުޖެހުމުން ދ. ކުޑަހުވަދޫގައި އުފެދުނު މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހު އެރަށު ރައްޔިތުން ނުކުމެ އެއަރޕޯޓް ސަރަހައްދުގައި ވަނީ މުޒާހަރާކޮށްފައެވެ. އެ ރަށު ބަލި މީހަކު މަންޓާ އެއާރގެ މަތިންދާބޯޓެއްގައި މާލެ ނުގެންދިޔުމާއި ގުޅޭ ގޮތުން މަންޓާއިން ބުނީ އެ ކުންފުނިން ގެންގުޅޭ ބޯޓުތަކުގައި ބަލިމީހުން ގެންދާ ސްޓްރެޗަރު އެރުވޭ ގޮތަށް ހަދާފައި ނުހުންނަ ކަމަށެވެ.
އެހެންކަމުން ކުޑަހުވަދޫ ރައްޔިތުން ނުކުމެ އެއަރޕޯޓް ހުއްޓުމަކަށް ގެނެސް ފަތުރުވެރިންނަށް ދަތުރު ކުރެވޭނެ ގޮތް ހުއްޓުވާލިއެވެ. އަދި އެކަން ހުއްޓުވަން ދިޔަ ފުލުހުންނާ ދެމެދު ވަނީ ހަމަނުޖެހުން ހިންގާފައެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިމައްސަލައިގައި މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 31 އަހަރުގެ ދެ ފިރިހެނުންނާއި 27 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 28 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިނެކެވެ. އެ މީހުންގެ ތެރެއިން ހަތަރު މީހުން ހައްޔަރު ކުރީ އެއާޕޯޓު ކައިރީގައި ފުލުހުންނާ ދެމެދު ހިންގި ހަމަނުޖެހުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އަނެއް ދެ މީހުން ހައްޔަރު ކުރީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެހެންނަމަވެސް ޔުނައިޓެޑް ކުޑަހުވަދޫ ފޭސްބުކް ޕޭޖުގައި ބުނާގޮތުން މިއަދު ހައްޔަރުކުރި ދެމީހުންނާއެކު ޖުމްލަ 8 މީހުން މިހާރު ވަނީ ހައްޔަރުކުރެވިފައެވެ.
ކުޑަހުވަދޫގައި އިއްޔެ މުޒާހަރާ ކުރަމުންދިޔަ ވަގުތު ސޯޝަލް މީޑިއާގައި ލައިވްކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ބެނާތަކާއި ބޯޑުތައް ހިފައިގެން ތިބި ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާގައި ބައިވެރިވި އެވެ.

