2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާޞުގައި ވާދަކުރައްވަން ނިންމާފައިވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޖާބިރުގެ ރަނިންމޭޓަކަށްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީއަށް ދަޢުވަތު ދެއްވައިފިއެވެ.
ފުވައްމުލަކު ސިޓީގައި ބޭއްވި ޑީއާރުޕީ ކައުންސިލްގެ ހާއްސަ ޖަލްސާއެއްގައި އެޕާޓީގެ ޓިކެޓް ޕާޓީގެ ލީޑަރ ޖާބިރުއަށް ދޭން ނިންމާފައިވާއިރު ޖާބިރު ވަނީ އެކަން ޤަބޫލުކޮށްފައެވެ. އަދި ޖާބިރުގެ ރަނިންމޭޓަކަށް ވާނީ އަންހެން ކަނބަލެއް ކަމަށް ޖާބިރުވަނީ ވިދާޅުވެފައެވެ. އެއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ނައިބު ރައީސަކަށް އަންހެން ބޭފުޅަކު ގެންނަން ޖާބިރު ބޭނުންވާތީއެވެ.
ޖާބިރާ ހަވާލާދީ ވަން އޮންލައިން އިން ހާމަކުރާ ގޮތުގައި ޑީއާރްޕީގެ ޝެޑޯ ކެބިނެޓް މިހާރު ވަނީ އެކުލަވައިލާފައެވެ. އަދި ޖާބިރުގެ ރަނިންމޭޓަކަށް ޑރ.ޢާއިޝަތު ޢަލީއަށް ދަޢުވަތު ދެއްވާފައިވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
އެމީޑިޔާއަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ދަރިކަނބަލުން އާމިނަތު ޖާބިރަކީ ޑިފެންސް މިނިސްޓަރު ކަމަށާއި ހޯމް މިނިސްޓަރަކީ މުޙައްމަދު ޖާބިރު ކަމަށެވެ.
ޖާބިރުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވަގުތީ ލީޑަރު ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމްވެސް ރިޔާސީ އިންތިހާބަށް ޕްރައިމަރީއަށް ނުކުންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޤާސިމްގެ އެޑްވައިޒަރ އިލްހާމް އަހުމަދު ވިދާޅުވެފައިވީ ނަމަވެސް ގާސިމް އިބްރާހިމް ކެންޑިޑެސީ އަދި އިއުލާނެއް ނުކުރެ އެވެ.

