ބައިނަލް އަޤުވާމީ ޔޯގާ ޑޭ ފާހަނގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވުނު ހަރަކާތުގައި އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރެވުނު ޝެއިހް އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.
ޝެއިޚް ނިޝާންގެ މައްސަަލަ އިސްތިއުނާފަށް ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން މިއަދު ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެ ހުކުމަށް ތާއީދުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރަން ނުޖެހޭ ކަމަށް ހައި ކޯޓުން ނިންމިއިރު އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވަނީ އިއްތިފާގުވެފައެވެ.
އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދުއެވެ. ދެން ބެންޗުގައި ތެއްބެވީ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވެފައިވަނީ ނިޝާންގެ މުއްދަތު އިތުރު ކޮށްފައިވަނީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުރުމުން ކަމަށެވެ.
ޔޯގާ ޑޭ ފާހަނގަކުރަމުން ދަނިކޮށް އެ ހަރަކާތާ ދެކޮޅަށް އަޑުއުފުލައި ހައްގު ބަސް ބުނުމަށް ދާން ނިންމާފައިވަނީ އޭނާގެ އިރުޝާދުގެ ދަށުން ސުލްހަވެރިކޮށް އެ ހަރަކާތް ގެންދާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށާއި ނަމަވެސް އެ ހަރަކާތުގައި ބައިވެރިވި ޒުވާނުންގެ ތެރެއިން ބަޔަކު ލޭ ކެކި އޭނާގެ އިރުޝާދަށް ތަބާނުވެ ގަލޮޅު ދަނޑު ތެރެއަށް ވަދެގަތީ ކަމަށް ޝައިޚް ނިޝާން ނެރުނު ބަޔާނުގައި ވަނީބުނެފައެވެ. އަދި ހަމަނުޖެހުން ކޮންޓްރޯލްނުވުމުން އެ ހަރަކާތް ނިންމާލީ ކަމަށް އިއުލާނު ކޮށް އެ ސަރަހައްދު ދޫކޮށް ގޮސްފައިވާނެ ކަމަށް ޝެއިޚް ނިޝާންވަނީ ބަޔާނުގައި ބުނެފައެވެ.
ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ. އެހެންކަމުން ފުލުހުން ދަނީ މިމައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގު ކުރަމުންނެވެ.

