2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރު އަބްދުﷲ ޖާބިރުގެ ރަނިންމޭޓަކަށް ފާތުމަތު ޝީރީން ހަމަޖައްސަވައިފިއެވެ.
ޑީއާރުޕީ ކައުންސިލުން ޕާޓީ ޓިކެޓް ޖާބިރަށް ދީފައިވާއިރު ޖާބިރުގެ ރަނިންމޭޓަކަށް ވާނީ އަންހެން ބޭފުޅެއް ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޖާބިރުގެ ރަނިންމޭޓަކަށް ކަނޑައަޅުއްވާފައިވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މަސައްކަތްކުރައްވާ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭކަނބަލެއް ކަމަށްވާ މ.ސެރީން ފާތުމަތު ޝީރީންއެވެ.
ޝީރީންއަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ ގއ އަތޮޅުގެ މެމްބަރުކަންވެސް ގިނަ ދުވަސްތަކެއްވަންދެން ކުރައްވާފައިވާ ބޭކަނބަލެކެވެ.
ޖާބިރުގެ ރަނިންމޭޓަކަށް ވުމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީއަށްވެސް ވަނީ ދައުވަތު ދީފައެވެ. އެހެންނަމަވެސް މިހާރު އެމަޤާމަށް ޝީރީން މިވަނީ ކަނޑައަޅާފައެވެ.
ޕާޓީ ޓިކެޓުގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ނުކުންނަން ޖާބިރު ހުންނެވީ ތައްޔާރަށެވެ. އެގޮތުން ޑީއާރުޕީ ކެބިނެޓް މިހާރުވަނީ އެކުލަވާލާފައެވެ. ޖާބިރު ވިދާޅުވާ ގޮތުގައި ދިވެހިރާއްޖޭގެ ކަންކަން ހަމަ މަގުން ކުރިޔަށްދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވާނީ އޭނާއެވެ.
ޖާބިރުގެ ކެބިނެޓްގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންނަކީ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއަށް ޝިހާމް، ފޮރިން މިނިސްޓަރަކަށް ދިޔާނާ، ބަންޑާރަ ނައިބަކަށް އިޝްރާގް ތައުފީގު، ހޯމް މިނިސްޓަރަކަށް މުހައްމަދު ޖާބިރު، ޑިފެންސް މިނިސްޓަރަކަށް އައިމިނަތު ޖާބިރު، ކެބިނެޓް ސެކެޓްރީއަކަށް އައްޒާމް، އިސްލާމިކް މިނިސްޓަރަކަށް އަފީފް، ޖެންޑަރ މިނިސްޓަރަކަށް ރިސާލަތު، ޕްލޭނިންގ އަދި ހައުސިން މިނިސްޓަރަކަށް ރިޝްފާ، ފިޝަރީޒް މިނިސްޓަރަކަށް އެންސިސް ވަސީމް، އެޑިއުކޭޝަން މިނިސްޓަރަކަށް މަސްއޮޑި ނައީމް އަދި ޓްރާންސްޕޯޓް ސިވިލް އޭވިއޭޝަން އެންޑް ހެރިޓޭޖް މިނިސްޓަރަކަށް މުއާޒް ޖާބިރު އައްޔަން ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

