ބަންގުލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ފިރިހެނަކާ އެކު އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އިސްލާމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކިއުޓިވް ޑިރެކްޓަރ އިބްރާހިމް ރާފިއު (ރާއްޕެ) އެއްޖިންސުން ގުޅުންހިންގާ ވީޑިއޯއެއް އާންމުވުމުގެ ކުރިން އޭނާ ވަޒީފާ އިން ވަކިކޮށްފިކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުން ބުނާ ގޮތުގައި ރާފިއު މަޤާމުން ވަކިކުރަން ޖެހުނީ އޭނާ އަލަމް ގިރި އާއެކު އެއް ޖިންސުގެ ގުޅުން ހިންގި ވީޑިޔޯ އޮތް ކަމަށް ސަރުކާރަށް އެގިގެން ކަމަށެވެ.
މިނިސްޓްރީތަކުގެ ސީނިއަރ އެގްޒެކިއުޓިވް ޑިރެކްޓަރުގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ މީހުން އައްޔަން ކުރާ ސިޔާސީ މަގާމެކެވެ.
ރާފިއު އާއި އަލަމް ގިރީގެ ވީޑިއޯއެއް ދައުރުވަމުންދާ ކަމަށް ބައެއް މީހުން ބުނަމުން ދިޔަ ނަމަވެސް މި ވީޑިއޯ މީސް މީޑިއާގައި ދައުރުވާން ފެށީ ރޭގެ ވަގުތެއްގައެވެ.
އެމްޑީޕީގެ ޖަލްސާތަކުގައި ގުރުއާން ކިޔަވާ ރާފިއު ހުންނެވީ ޤުރުއާނާއި ބެހޭ މަރުކަޒުގެ އިސްވެރިޔާގެ މަގާމުގައެވެ.
އަލަމް ގިރި މަޅީގައި ޖެހި އޭނައާއި އެކު އެއްޖިންސުން ގުޅުން ހިންގާތަން ފެންނަ އިތުރު ބޭފުޅުންގެ ވީޑިއޯތައްވެސް މިވަނީ ލީކް ވެފައެވެ. ދިވެހި 250 އަށް ވުރެ ގިނަ ބަޔަކު އަލަމް ގިރި އާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއް ފެންމަތިވެފައިވާއިރު އޭގެ ތެރެއިން ފަސްވަރަކަށް މީހުންގެ ވީޑިއޯ ވަނީ އާންމު ވެފައެވެ. އޭގެތެރޭގައި ފުލުހުންނާއި ކަސްޓަމްސް އޮފިސަރުންނާއި ޓީޗަރުންނާއި ސިޔާސީ ބައެއް ފަރާތްތަކާއި އަދި ޕީޖީ އޮފީހުގެ ވަކީލުންވެސް ހިމެނޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެހެންނަމަވެސް މިމައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 3 މީހެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، ޑީއާރްޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއު(ދޮންދިގު)އެވެ.
މިހާރަކަށް އައިސް އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތައް ގިނަ ވަމުންދާއިރު ވެސް އެމީހުންނާ މެދު ސަރުކާރުން ފިޔަވަޅު ނާޅާތީ އާންމުންދަނީ ސަރުކާރާއި ފުލުހުންގެ އިދާރާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުން ދަނީ އެކަމާ ނުރުހުން ފާޅުކޮށް އިސްލާމީ ޝަރީއަތުގައި ބަޔާންކޮށްފައިވާ ފަދައިން އެއްޖިންސުގެ ގުޅުން ހިންގާ މީހުންނަށް ހައްޤު އަދަބު ދިނުމަށް ސަރުކާރަށް ގޮވަމުންނެވެ.

