ގދ.ތިނަދޫގެ ގެޔަކުން މިހާތަނަށް ނުކުރާ ވަރުގެ ބޮޑު ވައްކަމެއް ކޮށްފިއެވެ.
ތިނަދޫ ބަރާސިލް އަވަށުގައި ހުރި “ހުދުވެލި” ނަމަކަށް ކިޔާ ގެޔެއްގައި ހުރި ހުރިހާ ސާމާނަކާއި ހެދުންތައްވެސް ވަގަށް ނަގައިފިއެވެ. ގޭގައި ހުރި އޭސީ ތަކާއި ހިފާ ގެންގުޅޭ ހުރިހާ ސާމާނު، ބަދިގޭގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނާއި ތެލި ތަށި ފަދަ ތަކެތީގެ އިތުރުން ގޭގައި ބަހައްޓާފައި ހުރި ހެދުންތައްވެސް ވަނީ ވަގަށް ނަގާފައެވެ.
މި ވައްކަމާއި ގުޅޭގޮތުން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން އެގޭގައި ދިރިއުޅޭ އަންހެނަކު ބުނެފައިވަނީ އެގެއިން ވައްކަންކޮށްފައިވަނީ ގޭގެ މީހުން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސް އުޅެނިކޮށް ކަމަށާއި ރަށަށް އައިއިރު ގޭގައި ހުރި ހުރިހާ ސާމާނެއް ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ވަގަށް ގެންދިޔަ ތަކެތީގެ އަގު 2 ލައްކަ ނުވަތަ 3 ލައްކައަށް އަރާނެ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.
ގޭގައި ދިރިއުޅޭ މީހުން ރާއްޖެއިން ބޭރުގައި އުޅުމަށްފަހު ރަށަށް އެނބުރި އައީ މީގެ ތިން ދުވަސް ކުރިންނެވެ.
އެގެއިން ވައްކަން ކުރީ ގޭގެ ކުޑަ ދޮރެއް ހަލާކުކޮށްގެން ކަމަށާއި ހިފައިގެން ނުދެވޭ ކަހަލަ ބޮޑެތި ފަރުނީޗަރުތައް ފިޔަވާ ހުރިހާ އެއްޗެއް ވަގަށް ނަގާފައިވާ ކަމަށް އެގޭގައި ދިރިއުޅޭ އެއަންހެނަކު ވަނީ ބުނެފައެވެ.
އިތުރަށް މައުލޫމާތު ދެމުން ގޭގައި ދިިރިއުޅޭ ފަރާތްތަކުން ބުނެފައިވަނީ ބައެއް ތަކެތި ކޮތަޅު ކޮތަޅަށް އަޅާފައި ގެންދަން ތައްޔާރުކޮށްފައި ހުރި ކަމަށާއި ލަފާ ކުރެވޭ ގޮތުގައި އެއްޗެހި ގެންދިޔައީ އެކި ދުވަސްތަކުގެ މަތިން ބަހާލައިގެންނެވެ.
ވައްކަން ކުރިކަން އެނގިފައިވަނީ ބޭސް ފަރުވާ ނިންމާލުމަށްފަހު އެނބުރި ރަށަށް އައުމުން ކަމަށާއި މިމައްސަލައިގައި ޝައްކު ކުރެވޭ ފަރާތެއް ވާ ކަމަށް އެގޭ މީހުން ވަނީ ބުނެފައެވެ.
މިމައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ. ގެއިން ވައްކަން ކުރި ބައެއް ތަކެތި ރަށުތެރޭގައި ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް ހުވަދޫ ނިއުސްއަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.
މިމައްސަލައިގައި ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުޤީގު ކުރަމުން ގެންދާ ކަމަށެވެ.

