ލިވާތު ވީޑިޔޯތައް އާންމުކުރާ މީހުން ފޮރުވުމުގެ ބަދަލުގައި، އެމީހުންނާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރެެއްވި ޓުވީޓަކަށް ރިޕްލައި ކުރައްވަމުން ވައްޑެ ވިދާޅުވީ ވާތުގެ ވީޑިއޯތައް ޢާންމުކޮށް އެ ކަން ”އެއްގޯސްކުރަން“ މަސައްކަތްކުރި މީހުން ފޮރުވައިގެން ނުވާނެކަމަށެވެ.
ޑރ.ޝަހީމްގެ ޓުވީޓުގައި، ޤާނޫނު ހިންގަންވާނީ އެއް ހަމައަކުން ކަމަށާއި، ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަންޏެއް ނޫންކަމަށެވެ. މިޓްވީޓަށް ތާއީދު ކުރައްވަމުން ވައްޑެ ވިދާޅުވަނީ ވީޑިޔޯތަކުގެ ބިރު ދައްކައިގެެން މީހުން ބްލެކްމެއިލްކޮށް މިލިޔަނުން ފައިސާ ނަގާ، މުޅި މުޖުތަމައުގައި އެ ތަކެތި ޢާންމުކޮށް އެކަން ”އެއްގޯސްކުރަން“ މަސައްކަތްކުރި މީހުން ފޮރުވައިގެން ނުވާނެ ކަމަށެވެ.
ވީޑިޔޯތައް އާންމު ކުރާ މީހުންނަށް އަދަބު ދޭން ޖެހޭ ކަމަށް ވައްޑެ ވިދާޅުވި ނަމަވެސް ލިވާތުކުރިކަމުގެ ތުހުމަތުކުރެވޭ މީހުންނަށް ފިޔަވަޅު އަޅާ ވާހަކައެއް އޭނާގެ ޓުވީޓުގައި ފާހަގަކުރައްވައިފައެއް ނުވެއެވެ.

