ޓިކްޓޮކްތަރި ސާނިއާ ޙާންގެ ކައިވެނި ނިމުމަކަށް އައިސް ވަރިވިކަން ޓިކްޓޮކްގައި އިއުލާން ކުރުމުން ކުރީގެ ފިރިމީހާ ސާނިއާ މަރާލައިފިއެވެ.
އެޤައުމުގެ ފުލުހުންނާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި 700 މޭލު ދަތުރު ކުރުމަށް ފަހުގައި ސާނިއާގެ ކުރީގެ ފިރިމީހާ ރަހީލް އަހުމަދު ސާނިޔާ ދިރިއުޅޭ ގެޔަށް ގޮސް ސާނިއާގެ ގަޔަށް ބަޑި ޖަހާ މަރާލީއެވެ. އަދި ފުލުހުންނަށް ދެވުނުއިރު ރަހީލް އަހުމަދު ވެސް ވަނީ އަމިއްލައަށް ބަޑިޖަހައި މަރުވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ވަރިވިތާ ދެ މަސް ފަހުން ޓިކްޓޮކްގައި ސާނިއާ ބުނެފައިވަނީ ސައުތު އޭޝިއާގައި އަންހެނަކު ވަރި ވުމަކީ އެންމެންގެ މަލާމާތާއި ފުރައްސާރަ ކުރިމަތި ކުރުވާ ކަމެއް ކަމަށާއި ދިރިއުޅުމުން ފެއިލް ވެފައިވާ މީހެއް ކަމަށް އެހެން މީހުން ސިފަ ކުރަމުން ދާކަމަށެވެ. އެކަމުގެ ސަަބަބުން ގިނަ އަންހެނުން އެތައް އަނިޔާއެއް ކުރިމަތިވާ އިރުވެސް ކެތް ކުރަނީ ކަމަށެވެ. އަދި ޓިކްޓޮކް ވައިރަލް ވުމާއި އެކު އާއިލާގެ އެކި މެންބަރުން އޭނާއަށް އެއްޗެހި ކިޔާ ކަމަށާއި އަންހެނުންގެ ހައްޤު ތަކުގެ ވާހަކަ ދެއްކުމަކީ އެންމެން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް ސާނިއާ ވަނީ ހާމަކޮށްފައެވެ.
އުމުރުން އެންމެ 29 އަހަރުގެ ސާނިއާގެ ރައްޓެހިންނާ ހަވާލީ ރިޕޯޓްތައް ބުނާ ގޮތުން ސާނިއާ އަކީ އަބަދުވެސް ވަރަށް އެހެން މީހުން އާއި ގުޅިގެން އުޅޭ ކުއްޖެއް ކަމަށެވެ. އަދި ސާނިއާ ކުރީގެ ފިރިމީހާ އާއި ކައިވެނި ކޮށްފައިވަނީ 5 އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހުގައި ކަމަށާއި އެގުޅުމުގެ ގިނަ ދުވަސް ތަކަކީ ދުރުގައި އުޅުން ދުވަސްތައް ކަމުން އެކަކު އަނެކަކުގެ މިޒާޖު ދަސްނުވާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. އަދި ފިރިމީހާއަކީ ސިކުނޑީގެ މައްސަލަ ހުންނަ މީހެއް ކަމާއި ހުރިހާ ކަމެއް ހާމަވީ ކައިވެންޏަށް ފަހުގައި ކަމަށް ވެސް ސާނިއާގެ އެކުވެރިން ވަނީ ހާމަ ކޮށްފައެވެ.
ޕާކިސްތާންގެ މުސްލިމް އާއިލާއަކަށް ނިސްބަތްވާ ސާނިއާ އަކީ ދުނިޔޭގެ އެތައް ބައެއްގެ ލޯތްބާއި ހިތްވަރު އޭނާ އަށް ލިބެމުން ދިޔަ ތަރިއެކެވެ.

