ވައިބާ ކޮމިއުނިޓީތަކާއި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް މަނީ އެކްސްޗޭންޖްގެ ނަމުގައި ސައްހަ ނޫން ޑޮލަރު ވިއްކަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން 2022ގެ މިހާތަނަށް ހިންގާފައިވާ މިފަދަ މުއާމަލާތްތަކާ ގުޅޭ 10 މައްސަލައެއް އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅިފައިވެއެވެ.
ސައްހަނޫން ފައިސާގެ މައްސަލަތައް ބަލައި ތަހުގީގުކުރާ އެއް ޑިޕާޓްމަންޓްކަމަށްވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ހިންގަމުން އަންނަ ތަހުގީގުތަކުން ފާހަގަވެފައިވާ ގޮތުގައި މި އަމަލު ދެ ގޮތަކަށް ހިންގާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނާ ގޮތުގައި މިފަދަ މުއާމަލާތްތަކާ ގުޅިގެން މިހާތަނަށް 272،000 އެއްހާ ދިވެހި ރުފިޔާ ރައްޔިތުންގެ އަތުން އޮޅުވާލައިގެން ހޯދާފައިވެއެވެ.
ވައިބަރ ކޮމިއުނިޓީތައް ކަމަށްވާ މަނީ އެކްސްޗޭންޖް، ކަރަންސީ އެކްސްޗޭންޖް، އެމް.އީ.އައި.އެލް އެކްސްޗޭންޖް މެދުވެރިކޮށް ޑޮލަރުވިއްކާ ކަމަށް އިޝްތިހާރުކޮށް، ޑޮލަރު ގަންނަން ބޭނުންވާ ފަރާތާއި ޑޮލަރު ވިއްކާ ފަރާތާ ދެމެދު ޕްރައިވެޓްކޮށް މެސެޖު ބަދަލުކުރެއެވެ. އެއަށްފަހު ފައިސާ ގަނެވިއްކުމަށް ގަޑިއާއި ތަނެއް ހަމަޖައްސައެވެ.
ފުލުހުންގެ ތަހުގީގުތަކުން އެނގޭ ގޮތުގައި މިހާތަނަށް މިފަދަ ހުރިހާ މުއާމަލާތެއްވެސް ހިންގާފައި ވަނީ ރޭނގަޑުގެ ވަގުތުތަކުގައެވެ. އަދި ޑޮލަރު ވިއްކާކަމަށް މިފަދަ ކޮމިއުނިޓީތަކުގައި އިސްތިހާރު ކުރާއިރު އެހެން މީހަކަށް ހެދިގެން ޝަހުސު އޮޅުވާލައިގެން އެހެންމީހުންގެ ފޮޓޯ އާއި އައިޑީ ކާޑު ފޮޓޯ އާއި މައުލޫމާތު ބޭނުންކޮށްގެންވެސް މީހުންނަށް އޮޅުވާލާފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ޑޮލަރު ގަންނަ މީހާއަށް ދޭ ޑޮލަރު ގުނަން ފެށުމުގެ ކުރިން ނުވަތަ ގުނަން ފެށުމުން، ޑޮލަރު ވިއްކަން އައި މީހާ ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ފިލައެވެ. މި ހާލަތުގައި ގިނަ ފަހަރަށް ޑޮލަރު ގަންނަން ބޭނުންވާ ފަރާތަށް ދީފައި ހުންނަނީ ސައްހަ ނޫން ޑޮލަރު ހިމެނޭ ގޮތަށް، ރުފިޔާ ދެއްކި އަދަދަށްވުރެ މަދުންކަން ފާހަގަކުރެވިފައިވެއެވެ.
މީގެއިތުރުން، ޑޮލަރު ވިއްކާ ކަމަށް ބުނެ ފައިސާ ބަދަލު ކުރެވޭއިރު، ޑޮލަރު ބޭނުންވާ އަދަދުގެ އެއްބައި ނުވަތަ ތިން ބައި ކުޅަ އެއްބައި ނަގުދު ފައިސާއިން ހަވާލުކުރުމަށްފަހު، ބާކީ ބައި ޓްރާންސްފަރ ކޮށްލާނެކަމަށް ބުނެ ފަހުން ހަބަރެއް ނުވެ، ފިލާފައިވާ މައްސަލަތައްވެސް ފުލުހުންގެ ތަހުގީގުތަކުން ވަނީ ފާހަނގަކުރެވިފައެވެ.
މިފަދަ މުއާމަލާތްތަކުގައި ބޭނުންކުރެވޭ ޑޮލަރަކީ ސައްހަ ޑޮލަރެވެ. މިގޮތަށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްކުރެވޭ އިރު ކުށް ކުރި ފަރާތް ހޯދައި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި ދައުވާ ކުރެވުނުކަމުގައި ވީ ނަމަވެސް ގެއްލުނު ފައިސާ ހޯދުމުގައި ގިނަ ދަތިތަކާ ކުރިމަތިވާކަން ފުލުހުން ފާހަގަކުރެއެވެ.
އެހެންކަމުން މިފަދަ މިފަދަ މުޢާމަލާތްތައް ކުރާއިރު، މުއާމަލާތްކުރެވޭ ނަންބަރަކީ ކޮން ފަރާތެއްގެ ނަންމަތީގައި ނަގާފައިވާ ނަންބަރެއްތޯ ހިދުމަތް ދޭ ކުންފުނިތަކަށް މެސެޖެއް ފޮނުވާލައިގެން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ބައެއް ނަންބަރުތަކުގެ ވެރިފަރާތް ޔަގީންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިފަދަ މުއާމަލާތްތައް ދުވާލުގެ ވަގުތުގައި ހިންގުމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި ޑޮލަރަކީ ސައްހަ ޑޮލަރުތޯ ކަށަވަރުކުރުމަށްފަހު ފައިސާ ހަވާލުކުރުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ޑޮލަރު ގަތުމަށްޓަކައި މުއާމަލާތްކުރެވޭ ފަރާތަކީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ފަރާތެއްތޯ ބަލައި، މީހެއްގެ އަތުން ޑޮލަރު ގަތުމުގެ ބަދަލުގައި ހުއްދަ އޮތް ފަރާތްތަކާއެކު އެފަދަ މުއާމަލާތްތައް ހިންގުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން ޑޮލަރު ގަތުމަށް މުޢާމަލާތްކުރެވޭ މީހާއަކީ ކާކުކަން ރަނގަޅަށް ދެނެގަތުމާއި މިފަދަ މުޢާމަލާތްތައް ހިންގާއިރު އިތުރު މީހަކާއެކު ގެންދިޔުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

