ހުވަދު އަތޮޅު ރިސޯޓުތައް ކައިރީ އެންވެރިކަން ނުކުރުމަށް، ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ.
ގައްދޫ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ އަތޮޅު ބައެއް ރިސޯޓުތައް ކައިރިން އެންވެރިކަން ކުރާތީ، ފަތުރުވެރިންނަށް އެކަމުގެ އުނދަގޫތަކާ ކުރިމަތިވެ، ރިސޯޓުތަކުން އެކަމުގެ ޝަކުވާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށާއި ރިސޯޓުތައް ކައިރީގައި ރޭގަނޑުގެ ވަގުތުގައި ގަދަ އަލި ބޭނުންކުރުމާއި، ޖަނަރޭޓަރާއި އިންޖީނުގެ ގަދަ އަޑުފަށްގަނޑުން، ވަކިން ޚާއްސަކޮށް ރިސޯޓުގެ މޫދު ކޮޓަރިތަކުގައި ތިބޭ ފަތުރުވެރިންނަށް ބިރުވެރިކަން އިޙުސާސްވާ ކަމަށް ރިސޯޓުތަކުން ބުނެފައިވާ ކަމަށެވެ.
އެންވެރިކަން ކުރުމުގައި ޖަނަރޭޓަރުތައް ޖައްސައިގެން އަލި ކުރުމުން ރިސޯޓްތަކުގެ ވޯޓާ ވިލާގައި ތިބޭ ފަތުރުވެރިންނަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ހުވަދު އަތޮޅުގެ ބައެއް ރިސޯޓްތަކުން، ހާއްސަކޮށް ގައްދޫ ކައިރީގައި ތިބޭ ރިސޯޓްތަކުން ދަނީ ކައުންސިލަށް ޝަކުވާ ހުށަހަޅަމުންނެވެ.
މީގެއިތުރުން ކައުންސިލުން ބުނީ، ކުރިއަށް އޮތް ތަނުގައި މިކަން ތަކުރާރުވާ ނަމަ، ކަމާބެހޭ ފަރާތަށް އެ މަސްވެރި އުޅަނދުތަކުގެ މައްސަލަ ރިޕޯޓު ކުރާނެ ކަމަށް ރިސޯޓުތަކުން ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ދޯނިފަހަރުގެ ނަމާއި ރަޖިސްޓްރޭޝަން ނަންބަރު ރިކޯޑުކޮށްފައިވާކަމަށް ރިސޯޓްތަކުން ބުނެފައިވާކަމަށް ކައުންސިލްގެ ބަޔާނުގައިވެއެވެ.

