ގދ. ފިޔޯރީ ކައިރީގައި އަޅާފައި އޮންނަ މަސް ބޮއެ ކަނޑައިގެން ދިޔަތާ ދެމަސް ދުވަސް ވެގެން ދިޔައިރުވެސް އެކަން ކައުންސިލަކުން ނުވަތަ މަސްވެރިއަކުވެސް އަންގާފައި ނުވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
"މަސްވެރިން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީން ބުނީ، ފިޔޯރީ ބޮއެ ކެނޑުނުކަން މިނިސްޓްރީއަށް އެނގިފައި ނުވާކަމަށާއި ކައުންސިލުން ނުވަތަ މަސްވެރިޔަކުވެސް އެކަން އަންގާފައި ނުވާ ކަމަށެވެ. އަދި މިިފަދަ ކަމެއް ދިމާވެއްޖެ ނަމަ އެ ސަރަހައްދެއްގެ ކައުންސިލުން ނޫނީ މަސްވެރިން، އާއްމުކޮށް މަސްވެރިން ކައުންސިލް މެދުވެރިކޮށް މިނިސްޓްރީއަށް އަންގާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފިޔޯރީ ބޮއެއަކީ ފަރެސްމާތޮޑާ ދާއިރާގައި ހިމެނޭ ފަރެސްމާތޮޑާ އާއި ފިޔޯރީ އަދި ރަތަފަންދޫގެ އިތުރުން ވާދޫގެ މަސްވެރިން ވެސް އެންމެ އާއްމުކޮށް ބޭނުން ކުރަމުން އަންނަ ބޮއެއެވެ. އެހެންކަމުން އެ ބޮއެ ކަނޑައިގެންދިޔުމުން އެސަރަހައްދުގައި އަލުން ބޮއެއް އަޅާފައި ނުވާތީ އެސަރަހައްދުގެ މަސްވެރިންނަށް ދަތިތައް ކުރިމަތިވެ، މިިދިޔަ ހަފްތާގައިވެސް މަސްވެރިން ވަނީ އެކަމުގެ ނުރުހުން ފާޅުކޮށްފައެވެ.
މަސްވެރި މީޑީޔާއަށް މައުލޫމާތު ދެމުން ފަރެސްމާތޮނޑާގެ މަސްވެރިޔަކު ބުނެފައިވަނީ ގދ.އަތޮޅުގައި އޮންނަ މަސްވެރިކަން އެންމެ ރަނގަޅު އެއްބޮއެ ކަނޑައިގެން ގޮސް ގިނަ ދުވަސްތަކެއް ވުމުން އެސަރަހައްދާއި އަދި މުޅި އަތޮޅުގެ މަސްވެރިންނަށް ވެސް އެކަމުގެ އަސަރު ކޮށްފައިވާ ކަމަށެވެ. އަދި ފިޔޯރީ ބޮއެ އޮންނަ ލޮކޭޝަންގައި މަސްވެރިކަން ރަނގަޅު ކަމަށާއި އެ ބޮއެ ކެނޑުމާ ގުޅިގެން މަސްވެރިންނަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށް މަސްވެރިޔާ ވަނީ މައުލޫމާތު ދީފައެވެ.
ފަރެސްމާތޮޑާއަކީ މަސްވެރި ރަށެއްކަމުން، މިފަދަ ކަންކަން ހިނގުމުން ކައުންސިލަށް ރަސްމީކޮށް ނޭނގި ނަމަވެސް ކޮފީ މޭޒުތަކުން ކައުންސިލަށްވެސް މިކަން އެނގޭނެކަމަށް މައުލޫމާތުދީފައިވެއެވެ.
ބެލެވޭ ގޮތުގައި މި ބޮއެ ކެނޑިފައި ވަނީ ހުޅަނގުގެ ގަދައިގެ ތެރޭގައެވެ.

