ވަގު ޕާސްޕޯޓެއްގައި ރާއްޖެއިން ދުބާއީއަށް ދަތުރުކުރި މަސްތުވާ ތަކެތީގެ ޑީލަރަކު ހައްޔަރުކޮށްފިއެވެ.
މީޑީޔާ ރިޕޯޓްތައް ބުނާ ގޮތުގައި ނަދުން ޗިކްތަކާ ވިކްރަމަރަޓޭން ނަމަކަށް ކިޔާ މީހަކު ވަގު ޕާސްޕޯޓެއް ހަދައިގެން ލަންކާއިން ފިލައިގެން ފުރަތަ ދިޔައީ ރާއްޖެއަށެވެ. ރާއްޖެއިން ދުބާއީއަށް ދިޔައީވެސް ހަމަ އެޕާސްޕޯޓުގައެވެ. މަރުވެފައިވާ މީހެއްގެ މައުލޫމާތު ބޭނުންކޮށްގެން ހަދާފައިވާ އެ ޕާސްޕޯޓުގައި އޭނާ ވަނީ ސިންގަޕޫރާއި މެލޭޝިއާ ފަދަ ގިނަ ގައުމުތަކަކަށް ދަތުރުކޮށްފައެވެ. އެ ޕާސްޕޯޓުގައި ވަނީ ނަދުންގެ ފޮޓޯއެއް ޖަހާފައެވެ. އެހެންކަމުން އެއީ ވަގު ޕާސްޕޯޓެއްކަން ވަނީ ނޭގިފައެވެ.
ގިނަ ގައުމުތަކަކަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި ހަރަކާތްތެރިވާ ކަމަށް ބުނާ ސްރީލަންކާގެ ޑްރަގް ޑީލަރ ނަދުން ރާއްޖެއަށް އައުމަށްފަހު އޭނާގެ އަންހެނުން ކަމަށް ބުނާ މީހަކާ އެކު ދުބާއީއިން ފުރައިގެން މެލޭޝިޔާއަށް ދާން ދުބާއީ އެއާޕޯޓުގައި ހުއްޓާ ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.
ލަންކާގެ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަދުން ޗިކްތަކާ ވިކްރަމަރަޓޭން ހައްޔަރު ކުރީ ލަންކާގެ ފުލުހުންގެ ނާކޮޓިކްސް ބިއުރޯ އާއި ބައިނަލްއަގުވާމީ ފުލުހުންގެ އިދާރާތަކާ ގުޅިގެން ހިންގި ސިއްރު އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މިއޮޕަރޭޝަނުގައި ދެމީހުން ހައްޔަރުކޮށްފައިވާއިރު ޖިލީ އަކީ ނަދުންގެ އަންހެނުން ކަމަށް ބުނާ މީހާކަން ކަށަވަރު ވެފައި ނުވާ ކަމަށް ވެސް އެ ލަންކާގެ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މިދިޔަ ހަފުތާގައި އޭނާ ދުބާއީއަށް އެތެރެވުމުން އިމިގްރޭޝަންގެ އޮފިޝަލަކަށް އެ ކަން އެނގި އޭނާ ހިފެހެއްޓި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ގާނޫނީ ފުށުއެރުންތަކެއްގެ ސަބަބުން ދޫކޮށްލަން ޖެހުނީ ކަމަށް ލަންކާގެ މީޑިޔާއިން ބުުނެއެވެ. ދުބާއީގެ ރިޕޯޓްތައް ބުނާ ގޮތުގައި ނަދުން ވަނީ ފްރާންސުން ހިމާޔަތް ހޯދައިފައެވެ. އަދި އޭނާ އެ ގައުމަށް ބަދަލުވުމަށް ތައްޔާރުވަމުން ދިޔަ ކަމަށް ވެސް އެ ނޫހުގައި ވެއެވެ.
ގިނަ ގައުމުތަކަކަށް ޑްްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުކުރެވޭ ނަދުން ވަނީ މެލޭޝިއާ، ސިންގަޕޫރު، ސީޝެލްސް އަދި ރާއްޖެއަށް މަސްތުވާތަކެތީގެ ވިޔަފާރި ކޮށްފައެވެ. މީގެ އިތުރުން ލަންކާގައި ހިންގި މައުންޓް ލަވީނިއާގެ ބަޑިޖެހުމުގެ ފަހަތުގައި ހުރި މީހަކީ ވެސް ނަދުން ކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައި ވެއެވެ.

