އިސްލާމްދީނަށް ފުރައްސާރަކުރި މުހައްމަދު ރުސްތުމް މުޖްތަބާ މިނިވަންކޮށްފިއެވެ.
އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލައިގައި ރުސްތުމްއަށް ހަތަރު މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި ނަމަވެސް ރުސްތުމް ހަމަސްދުވަސް ބަންދުގައި ހޭދަކޮށްފައި ވާތީ ކޯޓުން ވަނީ އޭނާ މިނިވަންކޮށްފައެވެ.
ސޯޝަލް މީޑިއާގައި މާތްﷲ އާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި ރުސްތުމްގެ މައްޗަށް ދައުލަތުން ކުރި ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އަށް އޭނާ ކޯޓުގައި ވަނީ އެއްބަސްވެފަ އެވެ.
ރުސްތުމްގެ މައްޗަށް އަދަބު ކަނޑައެޅުމަށް ބޭއްވި މަޖިލީހުގައި ދައުލަތުން ބުނީ ގާނޫނުލް އުގޫބާތުގައި ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުން ކަމަށާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށެވެ.
އެހެންނަމަވެސް ރުސްތުމް ކުށަށް އިއުތިރާފްވެފައިވާތީ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގެ އަދަބުގެ މިންވަރު ތިން މަހާއި 18 ދުވަހުގެ ހުކުމަކަށް ދަށްވާނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށަށް އިއުތިރާފްވުމުން އަދަބުގެ މިންވަރު 27 ދުވަހުގެ ޖަލު ހުކުމަކަށް ކުޑަވާނެ ކަމަށް ދައުލަތުން ބުންޏެވެ.
އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުން އަދަބުގެ މިންވަރު ދަށްކުރުމުން އެ ކުށުގައި އޭނާއަށް ދެވޭނީ 13 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
އެހެންކަމުން ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި ތިން މަހާއި 18 ދުވަހަށް އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި 13 ދުވަހަށް ރުސްތުމް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެކަމަކު ރުސްތުމް މިހާރު ބަންދުގައި ހަ މަސް ދުވަސް ހޭދަ ކޮށްފައިވާއިރު، ގާނޫނު އޮންނަ ގޮތުން އެ މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭނެ ކަމަށް މައްސަލަ ބެއްލެވި ގާޒީ ވިދާޅުވި އެވެ. އެގޮތަށް އުނިކުރުމުން ރުސްތުމް އިތުރަށް ތަންފީޒު ކުރަންޖެހޭ ޖަލު އަދަބެއް ނެތެވެ. އަދި ކްރިމިނަލް ކޯޓުން މިއަދު ރުސްތުމް މިނިވަންކޮށްފިއެވެ.

