ކާޑެއްދޫ އެއާޕޯޓުގައި އިތުރު ގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގެ ފައިސާ ނުލިބޭތީ، ކާޑެއްދޫގެ ގިނަ މުވައްޒަފުންތަކެއް މުޒާހަރާ ކުރަން ފަށައިފިއެވެ.
ކާޑެއްދޫ އިން "ހުވަދޫ ނިއުސް" އަށް މައުލޫމާތު ދެއްވި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނި ގޮތުގައި، މުސާރަ ހަމައަށް ނުލިބޭ މައްސަލައިގެ ތަފްސީލު ދީފައި ނުވާތީ، އެތަނުގެ ގިނަ މުވައްޒަފުންތަކެއް މިއަދު ކާޑެއްދޫ އެއާޕޯޓުގެ އޮފީހުގައި މިހާރު އިހުތިޖާޖު ކުރަމުންދާ ކަމަށެވެ.
ކާޑެއްދޫ މުވައްޒަފު އިތުރަށް ބުނީ، މިމަހުގެ މުސާރަ ޖަމާވެފައިވާއިރުވެސް މުސާރައިން ބޮޑު ބައެއް ކަނޑާލާފައިވާ ކަމަށާއި، މުވައްޒަފުން ތަފްސީލަށް އެދުމުން މެނޭޖްމަންޓުން ވަނީ ތަފްސީލު އެފަރާތަށް ރީޖަނަލް އެއާޕޯޓްސް އިން ދީފައި ނުވާ ކަމަށް ބުނެފައި ކަމަށެވެ.

ކާޑެއްދޫ އެއަރޕޯޓު، ރީޖަނަލް އެއަރޕޯޓްސް އާއި ހަވާލުކޮށްގެން ހިންގަން ފަށާފައިވަނީ މިދިޔަ މޭމަހުން ފެށިގެންނެވެ. ކާޑެއްދޫގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރީޖަނަލް އެއަރޕޯޓްސް އިން އެ އެއާޕޯޓު ހިންގަން ފެށިފަހުން އިތުރު ގަޑީގެ ފައިސާ ލިބިފައިނުވާ ކަމަށް އެތަނުގެ މުވައްޒަފުން ބުނެއެވެ.

