ރާއްޖޭގެ އެންމެ ތަޖުރިބާކާރު ނޫސްވެރިން ކިޔަވައިދޭ ނޫސްވެރިކަމުގެ ކޯހެއް މިމަހު ފަށާގޮތަށް ހަމަޖެހިއްޖެއެވެ.
އޮގަސްޓު 21 އިން ސެޕްޓެމްބަރ 6 އަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިކޯހަކީ މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް ހަމަޖައްސާފައިވާ ކޯހެކެވެ.
ޝަހީބު މީޑީޔާއިން ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ “ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް” ބޭއްވުމަށް ހަމަޖެހިފައި ވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައެވެ. މިކޯހުގައި ކިޔަވައިދޭނީ ރާއްޖޭގެ އެންމެ މަތީ ތަޖުރިބާކާރު ނޫސްވެރިންނެވެ. އެގޮތުން ނޫސްވެރިކަމުގެ ދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ޒުވާނުންނާއި މި ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންގެ ލޯހުޅުވައިދީ، އޮއްޓަރު ހުރި، ފޭރާން ހެޔޮ ޚަބަރު ލިޔާނެ ގޮތްތަކާއި ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭނެއެވެ.
ނޫސްވެރިކަން ދަސްކޮށްދިނުމަށް ހިންގާ މި ޕްރޮގްރާމުގައި 30 ބައިވެރިންނަށް ޖާގަ ދެވޭނެއެވެ. އޭގެ ތެރެއިން 20 ޖާގަ ހާއްސަކުރެވިފައި ވަނީ މީޑިއާތަކަށެވެ. އެ 20 ޖާގައަށް ބައިވެރިން ކަނޑައަޅާނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ. އަނެއް 10 ޖާގައަށް ބައިވެރިން ހޮވާނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށްފަހުއެވެ. އާންމުކޮށް ހުޅުވާލާ 10 ޖާގައަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ވައިބަރ ނަންބަރު: 9934333 އަށް އައި.ޑީ ކާޑާއި ގުޅޭނެ ނަންބަރު ފޮނުވުމަށް ޝަހީބު މީޑިއާއިން އެދެއެވެ. މި ކޯހުގައި ބައިވެރިވުމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި އޯގަސްޓް މަހުގެ 17 ވާ ބުދަ ދުވަހުގެ މެންދުރު 2:00 އެވެ.
މިކޯހަކީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއެކު މިދިޔަ އާދިއްތަ ދުވަހު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ޝަހީބު މީޑިއާއިން ހިލޭ ހިންގައިދޭ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމަށް މީޑިއާތަކަށް މިހާރު ވަނީ ދައުވަތު ފޮނުވައިފައެވެ.
މި ކޯހުގައި ކިޔަވައިދެއްވާނީ ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު، އެންމެ ފުންނާބު އުސް، ނޫސްތަކުގެ އެޑިޓަރުން ފެންވަރުގެ ބޭފުޅުންނެވެ. އޭގެ ތެރޭގައި މުޅިން ވެސް ތިއްބަވާނީ ނޫސްވެރިކަމުގެ ގައުމީ އިނާމާއި، ނޫސްވެރިކަމުގެ އަލިމަސްގަލަން ނުވަތަ ނޫސްވެރިކަމުގެ ރަންގަލަން ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

