މިއަދު ހެދުނު ދުބާއީން ރާއްޖެ އައި އެމިރޭޓްސްގެ ކާގޯ ފްލައިޓަކުން މުދާ ބާލަނިކޮށް، ކޮންޓެއިނަރެއް ވެއްޓި މީހަކު ޒަޚަމްވެއްޖެއެވެ.
މިހާދިސާގައި އަނިޔާ ލިބިފައިވަނީ އެމްއޭސީއެލްގެ މުވައްޒަފަކަށެވެ. އަނިޔާ ލިބުނު މީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ލިބުނު އަނިޔާގެ ތަފްސީލް އަދި ހާމަކޮށްފައިނުވެއެވެ.
އެމްއޭސީއެލްގެ މީޑިޔާއިން ބުނެފައިވަނީ އަނިޔާ ލިބުނު މުވައްޒަފުގެ ހާލު މިހާރު ރަނގަޅު ކަމަށާއި މިކަން ހިނގި ގޮތް އެކުންފުނިން އަންނަނީ ބަލަމުން ކަމަށެވެ. އަދި އެކުންފުންޏަކީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭ ކުންފުންޏަކަށް ވާތީ މިފަދަ ހާދިސާތައް މަދުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ފްލައިޓްތަކުން ކޮންޓެއިނަރު ބާލަނީ ހައި ލޯޑާ މެޝިން ބޭނުންކޮށްގެންނެވެ. ފްލައިޓްގެ ކާގޯ ދޮރު ކައިރި އަށް އެ މެޝިން ގާތްކުރުމުން، ފްލައިޓްގެ އެތެރޭގައި ބަހައްޓާފައި ހުންނަ ކޮންޓެއިނަރުތައް އޮޓޯ ސިސްޓަމަކުން އަރާނީ ހައި ލޯޑާ މެޝިނަށެވެ. އެ މެޝިނުން ކޮންޓެއިނަރުތައް ބާލާނީ މެޝިން ތިރިކުރުމުންނެވެ.
އާންމު ވެފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި ހައި ލޯޑާ މެޝިނުގެ މަތިން ކޮންޓެއިނަރު ވެއްޓި ޖެހިފައި ވަނީ އެ އިން ކޮންޓެއިނަރު ބޭލުމަށް ފަހު ކޮންޓެއިނަރު ދަމައިގެން ގެންދާ ޑޮލީއެއްގަ އެވެ. ބެލެވޭ ގޮތުގައި ޒަހަމްވީ ކޮންޓެއިނަރު ބާލައި ނިމެންދެން ޑޮލީ ކައިރީގައި ހުރި މުވައްޒަފަކަށެވެ.

