ގދ.ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ގދ ގެ ހުރިހާ ރައީސުން ތާއީދުކޮށް ހުވަދު އަތޮޅު ދެކުނުދުރީ އަތޮޅު ކައުންސިލް އިދާރާއިން މިއަދު ޤަރާރެއް ފާސްކޮށްފިއެވެ.
މިޤަރާރާއި ބެހޭ ގޮތުން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ ހުވަދު އަތޮޅުގެ ހުރިހާ ރައީސުން އިއްތިފާގު ވުމާއެކު ހުވަދު އަތޮޅުގެ އަދި ތިނަދޫގެ ހުރިހާ ރައްޔިތުން އެދެނީ ތިނަދޫ ސިޓީއަކަށް ބަދަލުވުން ކަމަށާއި މިއީ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އަދި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދައިދިނުމަށް ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ވީހާވެސް އަވަހަކަށް ކުރިޔަށް ގެންދިޔުމަކީ ވަރަށް ބޮޑު އެދުމެއް ކަމުގައި ސައުދު ވަނީ ވިދާޅުވެފައެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ހުށަހެޅި ޤާރާރުގައި ބުނެފައިވަނީ ތިނަދޫއަކީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވެފައިވާ ރަށެއްކަމުގައިވާތީ، އެޤާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބިގެންވާކަމަށް ކަނޑައަޅުއްވަން ޖެހޭކަމަށް ދެކޭ ކަމަށެވެ. އަދި ސިޓީއެއް ކަމުގައި ކަނޑައަޅާ ރަށުގެ ނުވަތަ ރަށްތަކުގެ ރަޖިސްޓްރީވެފައިވާ އާބާދީ 10،000 އަށްވުރެ ތިނަދޫގެ އާބާދީ ބޮޑުކަން މި ޤަރާރުގައި ފާހަނގަކޮށްފައިވެއެވެ.
އެގޮތުން ތިނަދޫގައި ދިރިއުޅޭ އާބާދީގައި 12000 (ބާރަ ހާސް) އަށްވުރެގިނަ ރައްޔިތުން ދިރިއުޅެމުންދާކަން މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށް ތިނަދޫ ކައުންސިލުން ވަނީ ޔަގީންކަން ދީފައެވެ. އަދި ތިނަދޫއިން ދެމުންގެންދާ ޚިދުމަތާއި ރަށުގެ ޙާލަތާއި އެހެނިހެން ކަންކަމާއި ގުޅޭދާއިރާގެ ތެރޭގައި ތިނަދޫ ކައުންސިލުން ދެމުންގެންދާ ޚިދުމަތްތަކަކީ މިހާތަނަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ޚިދުމަތްތަކާއި އެއްފެންވަރެއްގައި ނުވަތަ އެއްހަމައެއްގައި ދެމުންގެންދާ ޚިދުމަތްތަކެއްކަން އެޤަރާރުގައި ބުނެފައިވެއެވެ.
އެހެންކަމުން ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ މިންގަނޑު ނުވަތަ ޝަރުޠު ފުރިހަމަ ވުމާއި ގުޅިގެން ތިނަދޫ ސިޓީއަކަށް ބަދަލު ކުރުމަށް ހުށަހެޅި މިޤަރާރު މިވަނީ އަތޮޅު ކައުންސިލުން ފާސްކޮށްފައެވެ.
ސައުދު ހުށަހެޅި މިޤަރާރުގައި އިތުރަށް ބުނެފައިވަނީ މީގެކުރިންވެސް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ތިނަދޫ ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅި ހުށަހެޅުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މަޝްވަރާތަކަކަށްފަހު އެ މައްސަލަ ރައްޔިތުންގެ މަޖުލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވި އެ ކޮމިޓީގައި ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ނަމަވެސް މިއަދާއި ހަމަޔަށް ތިނަދޫ ކައުންސިލުން ހުށަހެޅި ހުށަހެޅުމާއި މެދު ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމި ނިންމުން ނުވަތަ ކަނޑައެޅި ގޮތެއް މި ކައުންސިލަށާއި، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލަށް އަންގާފައިނުވާ ކަމަށެވެ.

