ކ. ހިންމަފުށީގައި ގެސްޓް ހައުސް އަކަށް ގެއްލުން ދީ، ރަށުތެރޭ ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި ހިންމަފުށީ ގެސްޓު ހައުސަކަށް ވަދެ އެތަނުގައި ހުރި ތަކެއްޗަށް ގެއްލުން ދިންކަމުގެ ރިޕޯޓް ލިބިފައިވާތީ، އެ މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން32 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އެމީހާ ހައްޔަރުކުރުމާއި ގުޅިގެން ރޭ ދަންވަރު އިތުރު ބަޔަކު ވަނީ އެ ގެސްޓްހައުސް ކައިރީ ހަމަނުޖެހުން ހިންގާފައެވެ. އެ ރަށުތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން އިތުރު ހަތަރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން ހައްޔަރުކުރެވުނީ އުމުރުން 20އ، 27އ، 29އ އަދި 37އ ގެ ހަތަރު ފިރިހެނުންނެވެ.
މައުލޫމާތު ލިބުނުުގޮތުގައި ގެއްލުން ދީފައި ވަނީ ހިންމަފުށީ ނޯވާ ގެސްޓް ހައުސް އަށެވެ. ގެސްޓު ހައުސްގައި ގެސްޓުން އުޅެނިކޮށް އެތަނަށް ވަދެ ތަކެއްޗަށް ގެއްލުން ދީފައި ވަނީ އެއްވެސް ކަމަކާ ނުލާ ކަމަށް ގެސްޓު ހައުސްއިން މީޑީޔާއަށް މައުލޫމާތު ދިން މީހަކު ވަނީ ބުނެފައެވެ.
މީގެއިތުރުން ރޭ ދަންވަރު އެ ގެސްޓްހައުސް ކައިރިއަށް އެއްވެ ހަމަނުޖެހުން ހިންގީ، ގެސްޓު ހައުސްއަށް ވަދެ ތަކެއްޗަށް ގެއްލުން ދިން މީހާގެ އާއިލާ މީހުން ކަމަށްވެސް އެމީހާ ވަނީ މައުލޫމާތު ދީފައެވެ.

