އިންޑިޔާ ފުލުހުން ކަމަށް ހެދިގެން މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ ބޮޑު ގޭންގެއްގެ 6 މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި އިންޑިޔާގެ ބިހާރުގައި ފޭކް ޕޮލިސް ސްޓޭޝަނެއް ހިންގަމުންދިޔަ ގޭންގުގެ ލީޑަރު ވަނީ ފިލާފައެވެ. އެހެންނަމަވެސް އެގޭންގުގެ 6 މީހަކު މިހާރު ވަނީ ހައްޔަރު ކުރެވިފައެވެ. ހައްޔަރުކުރި “ފޭކް ފުލުހުން” ގެ ތެރޭގައި އަންހެން ފުލުސް އޮފިސަރުންނަށް ވެގެން އުޅުނު ދެ އަންހެނުން ވެސް ހިމެނެ އެވެ.
ބިހާރުގެ ފުލުހުންގެ އޮފިޝަލް ޑީސީ ސްރިވަސްތަވާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ބިހާރުގެ ފުލުހުން ކަމަށް ހެދިގެން އުޅުނު މީހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ޔުނީފޯމާ އޮއްގޮތް ޔުނީފޯމެއް ކަމަށާއި ރޭންކްތައް ތަފާތު ކުރުމަށް ޔުނީފޯމްގައި ބޭނުންކުރާ ކޯޑްތަކާއި ބެޖުތައް ވެސް ޔުނީފޯމް އަޅައިގެން އުޅުނު ކަމަށެވެ. އަދި ފޭކް ޕޮލިސް ސްޓޭޝަން ހިންގަމުން ދިޔައީ ހޮޓަލެއްގައި ކަމަށާއި ބިހާރުގެ “އަސްލު ފުލުހުން” ގެ ވެރިޔާ ދިރިއުޅޭ ގެއާ 500 މީޓަރު ދުރުގައި އެ ގޭންގުން ފިހާރައެއް ހިންގައި އެތަނުގައި މަސައްކަތް ކުރުވުމަށް މީހުންނަށް މަޖުބޫރުކޮށްފައިވާ ކަމަށް ވެސް ސްރިވަސްތަވާ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އެގޭންގުން ބޭނުން ކޮށްފައިވަނީ ބިހާރުގެ ވޯކްޝޮޕަކުން ހަދައިފައިވާ ބަޑިތަކެކެވެ. މީހުންނާ ދެކޮޅަށް އެކި ކުށްތައް ފައިލް ކުރާނެ ކަމަށް ބުނެ ބިރު ދައްކައިގެން 8 މަސްދުވަސް ވަންދެން އެގޭންގުން ވަނީ މީހުންގެ އަތުން ފައިސާ ހޯދާފައެވެ.
މިހެން އުޅުމުގެ ތެރޭގައި ބިހާރުގެ އަސްލު ފުލުހަކަށް މިމީހުން ފެނިގެން އެމީހުން ގެންގުޅޭ ބަޑި ތަފާތު ވުމުން އެހިސާބުން އެކަންތައް ފަޅާއެރީއެވެ.
މިގޮތަށް ފުލުހުންގެ ނަމުގައި އިންޑިޔާގައި މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަ މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.

