ރާއްޖޭގެ މަސްވެރިން ނަގާފައިވާ ލޯނުތައް ނުދެއްކިގެން ޖަލަށް ދާންޖެހޭ ހާލަތަށް ދިޔަ ކަމެއް އެނގިފައިނުވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހުމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ހުސައިން ރަޝީދު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި އުޅޭ އެއްވެސް މަސްވެރިއަކު އެމްޓީސީސީ ނުވަތަ އެއްވެސް ބޭންކަކުން ނަގާފައިވާ ލޯނު ނުދެއްކިގެން އުޅޭކަން ނޭނގޭ ކަމަށާއި އެކަމާއި ގުޅިގެން އެއްވެސް މަސްވެރިޔަކު މިނިސްޓްރީއަށް ޝަކުވާ ހުށަހަޅާފައި ނުވާ ކަމަށެވެ.
އާންމުކޮށް ކަންނެލި ދޯނި ބަނުމަށާއި އިންޖީނާއި ލޯންޗު ފަދަ ތަކެތި ބަނުމާއި ގަތުމަށް ބޭންކުތަކުން ލޯނު އަދި އިންސްޓޯލްމެންޓަށް ތަކެތި ދޫކުރެއެވެ.
އޭގެ ތެރެއިން ބައެއް މަސްވެރިން އެ ލޯނު އަދާ ނުކުރެވޭ މައްސަލަތައް ފެންމަތިވެއެވެ.

