ގދ. ހޯނޑެއްދޫގައި ޤާއިމުކުރެވިފައިވާ މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެނަޔަސް އެ ތަން ހަވާލު ކޮށްފައިވާ ހޮރައިޒަން ފިޝަރީޒް ކުންފުންޏަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒް ކުންފުނިން 2005 ވަނަ އަހަރު ހޯނޑެއްދޫގައި ހަދަން ފެށި މަސް ފެކްޓަރީ އޮޕަރޭޝަނަށް ނެގެނެސް ލަސްވަމުންދަނީ އެ ކަން ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމަށް ޚަރަދު ބޮޑުވެގެން ކަމަށާއި އެ މަސައްކަތް ކުރުމަށް ގިނަ ވެގެން 5-6 މިލިއަން ޑޮލަރު ޚަރަދު ކުރަން ޖެހޭ ކަމަށެވެ.
“އަޅުގަނޑު އެ ކުންފުނީގެ މީހުންނާ ވާހަކަ ދެއްކީމާ އެ ބޭފުޅުން ވިދާޅުވަނީ 5-6 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ތިމަންނަމެން އެ ތަނުގެ މަސައްކަތް ނިންމި ނަމަވެސް މަސް ގަނެ، ޕްރޮސެސްކޮށް، އެކްސްޕޯޓު ކުރުމުގެ ވިޔަފާރި ކުރުމަކީ މިހާރު އަގުތައް ހުރި ގޮތުން ވައިބަލް ކަމަކަށް ނުވެއޭ،” މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން އެކުންފުންޏަށް ފައިދާ ނުކުރާ ވިޔަފާރިއެއް އެ މީހުން ލައްވައި ކުރުވާނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން އެމަސް ފެކްޓްރީ އޮޕަރޭޝަނަށް ގެނަޔަސް ސަރުކާރުން މަސް ގަންނަ އަގުތަކާ ވާދަނުކުރެވޭނެ ކަމަށާއި އެ ކުންފުންޏަށް އެންމެ ދަށްކޮށް މަސް ގަނެވޭނެ ފްލޯ ޕްރައިސްއަކީ 13ރ. އަށް ކަމަށެވެ. އެހެންނަމަވެސް ސަރުކާރު ކުންފުނި، މިފްކޯ އިން މަސްވެރިންގެ އަތުން 17ރ. އަށް މަސް ގަންނަ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ހޯޑެއްދޫގައި މަސްފެކްޓްރީ ހަދައި ކޯލްޑް ސްޓޯރޭޖް މަސައްކަތް ފެށިތާ 16 އަހަރުވެފައިވީނަމަވެސް އެތަން އޮޕަރޭޝަނަށް ނުގެނެވި ލަސްވެގެން ދިޔުމަކީ ހުވަދު އަތޮޅުގެ މަސްވެރިންގެ އިތުރުން ގދ.އަތޮޅު ކައުންސިލުންވެސް ކަންބޮޑުވާ ކަމެކެވެ. އަދި އެތަނުގެ އެއްބަސްވުން ބާތިލުކުރުމަށް ކައުންސިލުންވަނީ ގޮވާލާފައެވެ.

