ގދ.ތިނަދޫ ގެއެއްގައި ހުރި މަސް ޓޭންކަކުން ހަތަރު މަސް ވަގަށް ނެގި މީހަކު ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
2021 ވަނަ އަހަރު ތިނަދޫގެ ގެޔަކަށް ވަގަށް ވަދެ މަސްޓޭންކަކުން ކުޑަކުޑަ ހަތަރު މަސް ވަނީ ވަގަށް ނަގާފައެވެ.
މިމައްސަލައިގައި ދައުލަތުން ބުނެފައިވަނީ މަސް ޓޭންކަކުން ވަގަށް ނަގާފައިވަނީ ތިން އިންޗި ހުންނަ ވަރުގެ ހަތަރު މަސް ކަމަށާއި އެއީ ދެ ކެމެޓާއި އެއް ކާބާއި އެއް ގްރާމް ކަމަށެވެ. އެހެންކަމުން އެމީހާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި އަވަހަށް މައްސަލައި ނިންމައިދިނުމަށާއި ޖޫރިމަނާގެ އަދަބެއް ދިނުމަށް ވަނީ އެދިފައެވެ. އެހެންނަމަވެސް ކޯޓުން މިވަނީ އޭނައަށް ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި ވާގޮތުން ޝަރީއަތުން ބެލި ބެލުމުން ވަނީ އޭނާ އަކީ ޖޫރިމަނާ ދެއްކުމުގެ ގާބިލްކަން ހުރި މީހެއް ނޫނެވެ. އެގޮތުން، “ވިލި އުފާ” ކިޔާ ތަނެއްގައި ވަޒީފާ އަދާކުރާ މީހެއް ކަމުގެ ލިޔުމެއް އޭނާގެ ފަރާތުން ޝަރީއަތަށް ހުށަހެޅި ނަމަވެސް ދައުވާ ލިބޭ މީހާއަކީ ޑްރަގް ކޯޓުގެ ހުކުމެއްގެ ދަށުން ގޭބަންދުގައި ހުންނަން ޖެހޭ މީހެކެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ އޭނާގެ މައްޗަށް ވައްކަން ކުރުމުގެ ކުށް ޝައްކެއް ނެތް މިންވަރަަށް ސާބިތުވާތީ، ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގަށް އޭނާ 16 ދުވަހަށް ބަންދުގައި ހުރެފައިވާތީ ތަންފީޒު ކުރަން ޖެހޭނީ ހަތަރު މަހާއި އަށް ދުވަހުގެ ޖަލު ހުކުމެކެވެ.

