ރާއްޖޭގައި މިހާރު އޮތް އެމްޑީޕީ ސަރުކާރަކީ ކޮރަޕްޝަނުގެ މޫލާފައިވާ ސަރުކާރެއް ކަމަށާއި ހުރިހާ އެމްބަސީތައްވެސް ހުރީ ކޮރަޕްޓުވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތިންވަނަ ޖަލްސާއަށް އެޖެންޑާކުރި ޤައުމީ ސަލާމަތާއި ބެހޭ ބިލަށް ބަހުސް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ މުޅި ސަރުކާރުގެ ތެރޭގައި އޮތީ ކޮރަޕްޝަނުގެ މޫ ލާފައި ކަމަށާއި އެ މޫތައް ރާއްޖެއިން ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީ ތަކަށްވެސް ފޯރާފައިވާ ކަމަށެވެ. އަދި ސަރުކާރުން ޤައުމީ ސަލާމަތުގެ ނަން ބޭނުން ކުރަނީ ސަރުކާރުން ކުރާ ވައްކަމާއި ކޮރޮޕްޝަން ފޮރުވާ ސިއްރުކުރަން ކަަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ބަޖެޓުގައި ނުހިމަނާ ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކަށް ދައުލަތުން މިލިއަނުން ޚަރަދުކުރާކަން ފާހަނގަ ކުރައްވަމުން ޝިޔާމް ވިދާޅުވީ މެލޭޝިޔާގައި ހުންނަ އެމްބަސީއަށް އަހަރަކު ކުރާ ހޭދައިން އައްޑޫ ސިޓީ ތަރައްގީ ކުރެވޭނެކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ އެތައް މައްސަލަތަކެއް ފައިސާ ނެތިގެން ހައްލު ނުކުރެވިފައިވާ ކަން ޝިޔާމް ވަނީ ފާހަނގަކޮށްފައެވެ.
އެގޮތުން ކުދި ކުދި މަޝްރޫއުތައް ހިންގައިދިން ކުންފުނިތަކަށް ދޭނެ ފައިސާވެސް ދައުލަތުގައި ނެތް ކަމަށް ވިދާޅުވަމުން ޝިޔާމް ވަނީ އެމްޑީޕީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. ހަމައެއާއެކު ސިޔާސީ މަގާމުތައް އުފައްދާ ބޮޑެތި ހޭދަ ސަރުކާރުން ކުރަމުންދާކަމަށް ޝިޔާމް ވަނީ ތުހުމަތުކޮށްފައެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ޤައުމީ ސަލާމަތުގެ ނަން ނަހަމަގޮތުގައި ބޭނުންކޮށް މައުލޫމާތުތައް ހިފެހެއްޓުން ނިނުމަކަށް ގެނައުމަށް މިހާރު އޮތް ބިލު ފާސްކުރަން ޖެހޭ ކަމަށެވެ. އަދި ޝިޔާމް ވަނީ މިބިލަށް ތާއީދުކޮށްފައެވެ.

