ހއ.ހޯރަފުށީ ސިއްޚީ މަރުކަޒުގައި މަސައްކަތްކުރާ ނަޖީރިޔާ ޑޮކްޓަރަކު ފަރުވާ ކުޑަކޮށް ކުޑަކުއްޖަކަށް ފަރުވާ ނުދިން މައްސަލައިގައި ވަޒީފާއިން ވަކިކޮށް ފޮނުވާލުމުގެ މަސައްކަތް ކުރަށްވަމުން އަންނަކަމަށް ހޯރަފުށީ ސިއްހީ މަރުކަޒުން ވިދާޅުވެއްޖެއެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނާ ގޮތުން އެއް އަހަރުގެ ކުޑަ ކުއްޖަކު ހުން ގަދަވެގެން ރޭގެ ވަގުތެއްގައި ސިއްޚީ މަރުކަޒަށް ގެންދިޔުމުން ދޮޅުގަޑިއިރު ކިޔުގައި މަޑުކުރުމަށް ފަހު ނަންބަރަށް ޖެހުމުން ޑޮކްޓަރު ކޮޓަރިން ދިން ޖަވާބަކީ “ޑޮކްޓަރ ރެސްޓް ކުރަން ނިދަނީ” ކަމަށެވެ. އަދި ދެފަހަރު މަތިން ޑޮކްޓަރަށް ގޮވާލުމުންވުސް ބުނީ ރެސްޓްކުރަނީ ކަމަށެވެ. ނަރުސް ކުއްޖަކުު ގޮސް ކުޑަކުއްޖާގެ ހާލަތު ބަޔާންކުރުމުންވެސް އިތުރަށް ނުގޮވުމަށް، ބުނެ ކުރިއަށްވުރެ ގަދައަށް ނިދާލަން ހަމަޖެހިލި ކަމަށް އެކުއްޖާގެ ބައްޕަ ކޮށްފައިވާ ޕޯސްޓުގައި ބުުނެފައިވެއެވެ.
މީގެއިތުރުން ސިއްހީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުރި ފަރާތުން އެދުމުން ވެސް ޑޮކްޓަރު ވަނީ އެކުއްޖާ ބެލުމަށް އިންކާރުކޮށްފައެވެ.
މި ހާދިސާއާއި ގުޅިގެން ހޯރަފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރު އިބްރާހީމް ރަޝީދު ”ތިލަދުން” މީޑީޔާއަށް މައުލޫމާތު ދެއްވަމުުން ވިދާޅުވީ، އެ ޑޮކްޓަރު އެ މަރުކަޒުގެ ޚިދުމަތާ ގުޅިގެން މިވީ ދެމަހެއްހާ ދުވަސްތެރޭގައި އޭނާގެ ފަރާތުން ފަރުވާކުޑަކަން ފާހަގަވެގެން އަނގަބަހުންނާއި އަދި ލިޔުމުން ވެސް ފުރަތަމަ ނަސޭހަތް ދީފަ ވާނެކަމަށެވެ. އަދި އެ ޑޮކްޓަރ ޓާމިނޭޓް ކުރުމުގގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް މެނޭޖަރު ވަނީ ވިދާޅުވެފައެވެ.

