ކޮވިޝީލްޑް ވެކެސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އަންނަ އަހަރު އުމުރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އަންނަ އަހަރުން ފެށިގެން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީން ބޭރުން އުމްރާވެރީންނަށް ޝަރުތުތަކާއެކު އެގައުމަށް އެތެރެވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޝަރުތުތަކުގެ ތެރޭގައި ކޮވިޑުގެ ވަކި ވެކްސިން ތަކެއް ފުރިހަމަކޮށްފައި ވުން ހިމެނެ އެވެ.
ސައުދީގެ ހައްޖާއި އުމްރާއާ ގުޅޭ މައުލޫމާތުތައް ގެނެސްދޭ ހަރަމައިން ޝަރަފައިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހަތަރު ވައްތަރެއްގެ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އުމުރާއަށް ދެވޭނެ ކަމަށެވެ. އެ ހަތަރު ވެކްސިންކީ ފައިޒާ، މޮޑާނާ، އެސްޓްރަޒެނެކާ އަދި ޖޯންސަން އެންޑް ޖޯންސަން އެވެ. މީގެ ތެރޭގައި އެންމެ ގިނައިން ދިވެހިން ޖެހި ކޮވިޝީލްޑެއް ނުހިމެނެ އެވެ.
އެކަމާ ގުޅިގެން މިއަދު އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުއަށް ދެންނެވުނު ސުވާލަކާއި ގުޅިގެން ވިދާޅުވީ، އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށެވެ.
އެގޮތުން އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ވެކްސިނެއް ވެއްޖިއްޔާ އެންމެ ރަނގަޅު ކަމަށް ލިޔެކިޔުން ތަކުގައި އެބަ އޮތް ކަމަށާއި، އަންނަ ހަފުތާގައި ސަރުކާރު ހުޅުވުމުން ރަސްމީކޮށް އެ ގައުމާ އެކު އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައި މަޝްވަރާ ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވި އެވެ.
މީގެ އިތުރުން ކުރިން ކޮވިޝީލްޑް ބަލައިނުގަންނަ އެތައް ގައުމަކުން އެ ވެކްސިން މިހާރު ބަލައިގަނެފައިވާ ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ . އެގޮތުން، ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ މީހުން އުމުރާގެ އަޅުކަން އަދާ ކުރުމަށް ސައުދީއަށް ދިއުމުގައި ހުރަހެއް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

