މޫދަށް ގޮސް އުޅުނު އުމުރުން ދުވަސްވީ އަންހެނަކަށް ބޯ ބޮޑު ވެލައެއް ހަމަލާދީފިއެވެ.
ތުރުކީގައި ހިނގާދިޔަ މިހާދިސާގައި އަނިޔާ ލިބިފައިވަނީ އުމުރުން 64 އަހަރުގެ ލިޑިއާ ކިޔާ އަންހެނަކަށެވެ. ޗުއްޓީ ހޭދަކުރުމަށް ތުރުކީއަށް ދިޔަ ލިޑިއާ މޫދުގައި އޮތްވާ ބޯ ބޮޑު ވެލައެއް ވަނީ އޭނަގެ ގައިގައި ދަތް އަޅައި މޫދުގެ ފުނަށް ގެންދިޔުމަށް މަސައްކަތް ކޮށްފައެވެ. އޭރު ލިޑިއާ ދިޔައީ އެއްގަމާއި ގާތްގަނޑަކަށް 10 ފޫޓު ދުރުގައި ފަތަމުންނެވެ.
މިހާދިސާއާއި ބެހޭ ގޮތުން މީޑިޔާއަށް މައުލޫމާތު ދެމުން ލިޑިޔާ ބުނެފައިވަނީ ލިޑިއާއަށް ހަމަލާދިން ވެލާއަކީ ބޮޑު ވެލައެއް ކަމަށާއި ބޮޑު ގެރިއެއްގެ ސައިޒު ހުންނާނެ ކަމަށެވެ. އަދި ފަތަމުން ދަނިކޮށް ކުއްލިއަކަށް އެއްޗެއް ދަތް އަޅައި ދަމައިގަތުމުން ވަރަށް ބިރުގަތް ކަމަށާއި އެހީއަށް އެދި ގޮވި ކަމަށެވެ.

ލިޑިއާއަށް ލިބުނު އަނިޔާ ފެންނަ ފޮޓޯއެއްް
ވެލާގެ ކިބައިން ލިޑިއާ ސަލާމަތްކުރީ ލައިފް ގާޑެކެވެ. ލިޑިއާ ކިޔައިދިން ގޮތުގައި ލައިފްގާޑް މީހާ ހަޅޭއްލަވަން ފެށުމުން ވެލާގެ ސަމާލުކަން އެމީހާއަށް ދިޔަ ހިސާބުން ލިޑިއާ ގައިން ވެލާ ދޫކޮށްލިއެވެ.

ލިޑިއާ އޭނާގެ ދަރިފުޅާއެކު
ވެލާ ހަމަލާ ދިނުމުގެ ސަބަބުން ލިޑިއާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަން ޖެހުނެވެ. ލިޑިއާ ބުނާ ގޮތުގައި މިއީ އޭނައަށް ދިމާވި އެންމެ ބިރުވެރި އެއް ހާދިސާ އެވެ.
މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ފާއިތުވީ ދެ ހަފްތާތެރޭގައި ތުރުކީގެ އެހިސާބުގައި ވެލާ ހަމަލާދީގެން 11 ހާދިސާއެއް ވަނީ ރިޕޯޓުކޮށްފައެވެ.

