އެކަނިވެރި މައެއްގެ ބަދުނަސީބް ދިރިއުޅުން އާބާދުކޮށް އާރާސްތު ކުރުމަށް "މަމްސް" ޖަމިއްޔާއިން ބޮޑު އެހީއެއް ދީފިއެވެ.
ގދ.ތިނަދޫގައި ވަރަށް ނިކަމެތި ހާލުގައި 3 ކުދިންނާއެކު ދިރިއުޅެމުން ދިރިއުޅެމުން ދިޔަ އެކަނިވެރި މަޔަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ކުރިއަށް ގެންދިޔަ "ސާރާގެ ޢާއިލާއަށް އެހީތެރިވަމާ ކެމްޕެއިން"ގެ ދަށުން މަމްސް ޖަމިއްޔާއިން މިވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސާރާގެ ހާލަތު ބަޔާންކުރަމުން އެ ޖަމިއްޔާއިން ބުނެފައިވަނީ ސާރާއަކީ ކުޑައިރުން ފެށިގެން ވެސް ހާލުގައި ދިރިއުޅުނު ކުއްޖެއް ކަމަށާއި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުންނާއި މާލީ ތަނަވަސްކަން ނެތުމުން ސާރާއަށް ރަނގަޅަށް ތައުލީމް ވެސް ހާސިލް ނުކުރެވުނު ކަމަށެވެ.
ސާރާގެ ތިން ދަރިން ތިބި އިރު އެ އާއިލާ ދިރިއުޅެމުން އަންނަނީ ވަރަށް ހާލުގައެވެ. އަމިއްލަ ހަރަދުގައި ގެއެއް އިމާރާތްކުރަން ފެށި ނަމަވެސް އެއިމާރާތް ވަކި ހިސާބަކުން ވަނީ ހުއްޓިފައެވެ. އެ އިމާރާތުގެ 25 ޕަސަންޓް މަސައްކަތް މީގެ 6 އަހަރު ކުރިން ވަނީ ނިމިފައެވެ. އެހެންނަމަވެސް އެ މަސައްކަތް މެދުކެނޑިފައި ވަނީ އެ އާއިލާއަށް ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ކަމަށް މަމްސް އެންޖީއޯއިން ވަނީ ހާމަކޮށްފައެވެ.
އެގޮތުން މަމްސް އެންޖީއޯ އިން އިސްނަގައިގެން މިއަހަރުތެރޭ ފެށި މިކެމްޕެއިންގެ ދަށުން އެ އިމާރާތުގެ ބާކީ 75 ޕަސެންޓް މަސައްކަތް ނިންމައި، މުޅިން އަލަށް އިމާރާތް ކުރެވިފައިވާ ގެޔަށް ޢާއިލާ ބަދަލުކުރެވި، އެތުއްތު ކުދިންނަށް އަރާމު ތަންމަތިތަކެއްގައި ނިދުމުގެ ފުރުސަތު ފަހިވުމުގެ އިތުރުން ރައްކާތެރިކަން މިވަނީ ކަށަވަރުކޮށްދީފައެވެ.
އެޖަމިއްޔާއިން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ އެންމެ އުފާވަނީ އެކަނިވެރި މަޔަކަށް ދިމާވެފައިވާ ބިރުވެރި ކަމުން ސަލާމަތް ކުރެވި ސާރާ އާއި 3 ދަރިންނަށް އަމާން މާހައުލެއް ޤާއިމުކޮށްދެވުމުން ކަމަށެވެ.
لْحَمْدُ لِلَّهِ، މިއަދު އަޅުގަނޑުމެން އެންމެ އުފާވާ ކަމަކީ ސާރާގެ ޢާއިލާއަށް ދިމާވެފައިވާ ބިރުވެރިކަމުން ސަލާމަތް ކުރެވި، އަމާން މާޙައުލެއް ޤާއިމް ކޮށްދެވިފައިވާތީ." މަމްސްގެ ޕޯސްޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން ނިކަމެތި ހާލަތެއްގައި ވަނިކޮށް ސާރާ އާއި އޭނަގެ 3 ދަރިންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމަށް އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަނގަކޮށް އެޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެ ކުރިން ވެސް މަމްސް ޖަމިއްޔާ އިން ވަނީ ހާލުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޭގައި ބޭނުންކުރާ ސާމާނު ހޯދައިދީ، ދިރިއުޅޭނެ ގެއެއް އަޅައިދީ، އަދި ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާނެ ސާމާނު ހޯދައިދީ ހާލުގައި އުޅޭ އެ ފަދަ އާއިލާތަކަށް އުފާވެރިކަން ގެނެސް ދީފައެވެ.
މަމްސް ޖަމްޢިއްޔާއަކީ 2016 ވަނަ އަހަރު އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއަކީ މިވަގުތު ރާއްޖޭގައި އެންމެ ގިނަ އަންހެނުންނަށާއި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމްޢިއްޔާއެވެ. މި ޖަމްޢިއްޔާގައި 100 ރަށުން ޖުމްލަ 37،000 މެންބަރުން ތިބެއެވެ.