ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފައި ވަނިކޮށް މައްސަލަ ބައްލަވާ ޤާޒީ ޗުއްޓީއަށް ވަޑައިގެންފިއެވެ.
މިއަދަށް ތާވަލް ކުރެވުނު އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރި މައްސަލާގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި ހެކިބަސް ނެގުން ތާވަލްކުރެއްވުމަށް ފަހު ގާޒީ ޗުއްޓީއަށް ވަޑައިގަތުމުން އަޑުއެހުން މިވަނީ ކެންސަލްކޮށްފައެވެ.
އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރާއިރު ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ރައީސް ޔާމީން ރިޝްވަތު ދެއްވި މައްސަލައިގައި މެމްބަރު ޔޫސުފަށްވެސް ވަނީ ދައުވާކޮށްފައެވެ.
މިމައްސަލައިގައި އެންމެ ފަހުން މި މަހުގެ 23 ވަނަ ދުވަހު އޮތް ހެކިބަސް ނެގުމުގެ ޝަރީއަތް ނިންމަވާލައްވަމުން، އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ އޮގަސްޓް 30 ވަނަ ދުވަހު، ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުން ތާވަލްކޮށްފައިވާ ކަމަށާއި ޝަރީއަތް އޮންނާނީ ހެނދުނު 9:30 ގައި ކަމަށެވެ. އެހެންނަމަވެސް ޤާޒީ މިހާރު ވަނީ އަންނަ މަހުގެ ހަވަނަ ދުވަހާ ހަމައަށް ޗުއްޓީ ނަގާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ ހެކިބަސް ނެގުމެވެ.
މީގެ ކުރިންވެސް އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަން ތާވަލްކުރި ނަމަވެސް ދެ މީހުން އެކުގައި ހާޒިރުކޮށްގެން ހެކިބަސް ނެގުމަށް، ދައުވާ ލިބޭ ފަރާތްތަކުން އެދުމުން ގާޒީ އެގޮތަށް ނިންމެވީ އެވެ.

