މާލޭގެ މަގުމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހަކު 121,665ރ އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
2018 ވަނަ އަހަރު މާރޗް 25 ވަނަ ދުވަހުގެ ހަވީރު 17:34 އެހާކަންހާއިރު ރީފްސައިޑް ފިހާރަ ކުރިމަތީ ޕާކުކޮށްފައިހުރި ސައިކަލެއްގެ މަޑި ހުޅުވާ، އެ ސައިކަލުގެ މަޑިދަށުގައި ހުރި ގިނަ އަދަދެއްގެ ފައިސާ ވަނީ ވަގަށް ނަގާފައެވެ. މިމައްސަލައިގައި ދައުލަތުން ވަނީ ކ.މާލެ، ޑޭލައިޓް، ހުސެއިން ރަޝީދުގެ މައްޗަށް ވައްކަން ކުރުމުގެ ދައުވާ އުފުލާފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި އެސައިކަލުގެ މަޑި ދަށުގައި އޮތް ސިޓީ އުރައަކުން ހުސައިން ރަޝީދު ވަނީ 141,500ރ ވަގަށް ނަގާފައެވެ.
އެހެންނަމަވެސް މި މައްސަލައިގާ އިބްތިދާއީ އަޑުއެހުމުގައި ހުސެއިން ރަޝީދުގެ ފަރާތުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންކަމުން ދައުލަތުން ވަނީ މިމައްސަލަ ސާބިތު ކުރުމަށް ހުސައިން ރަޝީދު އާ ދެކޮޅަށް ގިނަ ހެކި ހުށަހަޅާފައެވެ.
އެގޮތުން ފުލުހުން ވަނީ ހުސައިން ރަޝީދުގެ ތަހުޤީގީ ބަޔާނުގެ އިތުރުން ސައިކަލުގެ ވެރި ފަރާތާއި، ވެރިފަރާތަށް ފައިސާ ދިން މީހާ، ހުސެއިން ރަޝީދު ދިރިއުޅުނު ގެ ބަލާ ފާސްކުރަން ދިޔަ އޮފިސަރުން، ހުސެއިން ރަޝީދު ހައްޔަރުކުރި އޮފިސަރު، ސީން އޮފް ކްރައިމް ރިޕޯޓް ތައްޔާރުކުރި އޮފިސަރުންގެ އިތުރުން ވީޑިއޯ އެންޑް އިމޭޖް އެނަލަސިސް ރިޕޯޓް ތައްޔާރުކުރި އޮފިސަރު ވަނީ ހެކިންގެ ގޮތުގައި ހުށަހަޅާފައެވެ.
ހުސައިން ރަޝީދުގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ މި މައްސަލައިގާ ހުށަހަޅާފައިވާ ހެކި ގަރީނާއަށް ބަލާ ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުން ހުސެއިން ރަޝީދު ވަނީ ކަނޑައެޅޭ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. އެކަމަކު، ދައުލަތުން ވަނީ އެފަދަ ބަދަލެއް ގެންނަން ޖެހޭ ހާލަތެއް ނެތްކަން ފާހަގަކޮށްފައެވެ.
އެހެންނަމަވެސް ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް އިއްޔެ ކުރި ހުކުމުގައި ވަނީ ގާނޫނުން ހުސެއިން ރަޝީދަށް ލިބިދޭ ޖަލު އަދަބު 121,665ރ ގެ ޖޫރިމަނާއަކަށް ބަދަލުކޮށް، އެ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވެސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް އަންގާ ކަމަށެވެ.
މިފަދަ ވައްކަމުގެ ކުށަށް ކަނޑައެޅޭ ގާނޫނީ އަދަބީ އެއް އަހަރާ 7 މަހުގެ ޖަލު ހުކުމެކެވެ. އަދި، އާންމުކޮށް އަދަބު ލުއިކޮށްދެނީ ކުށަށް އިއުތިރާފުވާ މީހުންގެއެވެ.

