ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ފައުޒިއްޔާ ހަސަން ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފައުޒިއްޔާ ނިޔާވެފައިވަނީ މިއަދު ހެދުނުގެ ވަގުތެއްގައެވެ. ނިޔާވި އިރު ފައުޒިއްޔާ ދިރިއުޅެމުން ދިޔައީ ސްރީލަންކާގައެވެ.
މިއަދު ހެދުނު ހާޓްއެޓޭކެއް ޖެހިގެން ލަންކާ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ފައުޒިއްޔާ ގެންދިޔަ ނަމަވެސް އޭރު ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ފައުޒިއްޔާއަކީ ދިވެހި ފިލްމީ ދާއިރާގައި ފަނޑުވުމެއް ނެތި ފިޔަޖަހަމުން ދިޔަ ހުނަރުވެރި ފަންނާނެކެވެ. ފައުޒިއްޔާގެ ނިޔާވުން ވެގެންދާނީ ފިލްމީ ދާއިރާއަށް ލިބުނު ހިތާމަވެރި ޚަބަރަކަށެވެ. އަދި ފައުޒިއްޔާގެ ސަޕޯޓަރުންނާއި ފިލްމީ ތަރިން ދަނީ ފައުޒިއްޔާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.
ޕާކިސްތާނަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި ފައުޒިއްޔާ ވަނީ އެތައް އަހަރެއް ވަންދެން އިންޑިޔާގެ ޖަލެއްގައި ހޭދަކޮށްފައެވެ. ފައުޒިއްޔާ އާއި މަރިޔަމް ރަޝީދާ ކިޔާ ދިވެއްސަކު އިންޑިއާގެ ޖަލެއްގައި ހައްޔަރުކުރީ ނޮވެމްބަރު 13، 1994 ގައެވެ. އެ ދެ މީހުން ދޫކޮށްލީ ތިން އަހަރާއި ތިން މަސް ދުވަހު ޖަލުގައި ގެންގުޅުމަށްފަހު އެވެ. ފަހުން އެ މީހުންގެ ކުށެއް ނެތް ކަން ވަނީ ސާބިތުވެފަ އެވެ.

