ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފުޓްބޯޅަ މެޗެއްގައި ދެޓީމް ހޫނުވުމުން މެޗަށް ކަނޑައަޅާފައި ހުރި ރެފްރީ ފިލައިފިއެވެ.
ބުރު ސްޕޯޓްސް ކްލަބް އާއި ކްލަބް ޓީނޭޖް ބައްދަލު ކުރި މެޗް ހޫނުވެ ކްލަބް ޓީނޭޖްގެ އޮފިޝަލުންނާއި ސަޕޯޓަރުން ދަނޑުމަތީގައި މާރާމާރީ ހިންގާ ހިސާބަށް ދިޔައެވެ. އަދި ރެފްރީ ފަހާ ދުވަން ފެށުމުން ރެފްރީ ވަނީ ފިލާފައެވެ.
ދަނޑު މަތިން ފައިބައިގެން ރެފްރީ ގޮސް ވަނީ ދަނޑުގައި ހުންނަ ރޫމަކަށެވެ.
މެޗު ނިމެން ފަސް ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް، ރެފްރީގެ ނިންމުމަކާ ހެދި ޓީނޭޖުގެ ކުޅުންތެރިންގެ ހިތްހަމަނުޖެހުން ފެނުނެވެ. އެ ވަގުތު މެޗުގެ ރެފްރީ ވަނީ ދަނޑުގެ ޓަޗު ލައިން ކައިރީގައި ހުރި ބަދަލު ރެފްރީއާ މަޝްވަރާ ކުރަން ގޮސްފައެވެ. އަލުން މެޗު ފެށުމަށް ރެފްރީ ދަނޑަށް އެރުމުން ވެސް ޓީނޭޖުގެ ކުޅުންތެރިން ވަނީ ބުރުގެ ކުޅުންތެރިން ފައުލު ކުރި ކަމަށް ބުނެ އެޕީލް ކޮށްފަ އެވެ.
ދެވަނަ ފަހަރަށް ބަދަލު ރެފްރީ އާ މަޝްވަރާ ކުރަން ރެފްރީ ދިއުމުން ޓީނޭޖުގެ ބެންޗުގައި ހުރި އޮފިޝަލަކު ވަނީ ބެންޗުން ނުކުމެ ރެފްރީ އާ ދިމާކޮށް ރެފްރީ ފަހަތުން ދުވެފަ އެވެ. އޮފިޝަލް ހުއްޓުވަން ޓީނޭޖުގެ ބައެއް ކުޅުންތެރިން ވެސް ވަނީ މަސައްކަތް ކޮށްފައެވެ.
ޓީނޭޖުގެ ކުޅުންތެރިން ދަނޑުން ފައިބައިގެން ދިޔައިރު ބުރުގެ ކުޅުންތެރިން ތިބީ ދަނޑު މަތީގައެވެ. އަލުން ދަނޑަށް ނުކުންނަށް ޓީނޭޖުން ބޭނުން ނުވުމުން މެޗު އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
މެޗު ހުއްޓާލިއިރު، 1-3 ގެ ކުރީގައި އޮތީ ބުރު ސްޕޯޓްސް ކްލަބެވެ. މެޗު ހުއްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކްލަބް ޓީނޭޖުގެ ޓީމު ވަނީ ދަނޑު ދޫކޮށް ގޮސްފައެވެ. އެއަށްފަހު މެޗު އޮފިޝަލުން ނިންމާފައި ވަނީ އެ މެޗުން މޮޅުވީ ބުރު ސްޕޯޓްސް ކްލަބު ކަމަށެވެ.

