މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައްސޭރި ޖަލުގައި ”އިންޑަސްޓްރިއަލް ޑޭ“ ފާހަގަކޮށްފިއެވެ.
ޖަލުގައި ތިބި ޤައިދީންގެ ތެރެއިން އެލަވަންސް ވަޒީފާގައި އުޅޭ ޤައިދީންނަށް ޚާއްސަކޮށް ބޭއްވުނު މިރަސްމިއްޔާތުގައި ދެ އަހަރު މެނދުކެނޑުމެއްނެތި ވަޒީފާ އަދާކުރަމުންދާ ޤައިދީންނަށް ހަނދާނީ ލިޔުމަކާއި ޕްރިސްކޯ ގެ ފަރާތުން ހަދިޔާ ދެވުނެވެ. އަދި “އިންޑަސްޓްރިއަލް ޑޭ ފާހަނގަ ކުރުމުގެ ގޮތުން އެކިއެކި ކުޅިވަރު ހަރަކާތްތައް ކުރިޔަށް ގެންދެވުނެވެ.
މި އިވެންޓްގައި އައްސޭރި ޖަލުގެ ސީނިއަރ މެނޭޖްމަންޓާއި ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ) ގެ ޗެއަރމަންއާއި މެންބަރުންގެ އިތުރުން އެ ޖަލުގެ އެލަވަންސް ވަޒީފާގައި އުޅޭ 92 ޤައިދީން ވަނީ ބައިވެރިވެފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ދޭގޮތުގައި އެސާވިސްއިން އަބަދުވެސް މަސައްކަތްކުރަނީ ޤައިދީން އިސްލާހުކޮށް، ރަނގަޅު ފަރުދުންތަކެއްގެ ގޮތުގައި އަނބުރާ މުޖްތަމަޢަށް ނެރުމަށެވެ. އެގޮތުން ޤައިދީންނަށް މިފަދަ ހަރަކާތްތައް ހިންގުމުގެ ސަބަބުން އެ ފަރާތްތަކަށް ރަނގަޅު މަގުގައި ދެމިތިބުމަށް ހިތްވަރު ލިބި، އެންމެންގެ މެދުގައި އެކުވެރިކަން އިތުރުވެގެންދާނެކަން އެސާވިސްއިން ފާހަގަކުރެއެވެ.

