ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި، ފިއޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމިއްޔާގެ ފަރާތުން ގދ.ފިޔޯރީގައި ކޮމިއުނިޓީ ލައިބްރަރީއެއް ހުޅުވައިފިއެވެ.
މި ޕްރޮޖެކްޓާއި ގުޅޭގޮތުން މީޑިޔާއަށް މައުލޫމާތު ދެއްވަމުން ފޭސް ޖަމިއްޔާގެ ނައިބު ރައީސް ސުރުހާން މުހައްމަދު ބުނެފައިވަނީ ރަށުގައި އާއިލާތަކާއެކު އެއްވެ ގުޅުންބަދަހި ކުރުމަށް ވަކި ޚާއްސަ މާހައުލެއް މިވަގުތު ނެތްކަމަށެވެ. އެހެންކަމުން ޕާކަށް އަންނަ ކުދިންނަށް އާއިލާއާއެކު ގެއިން ބޭރުގައި ފޮތް ކިޔާލުމަށް ވަގުތު ހޭދަކުރެވޭނެކަމަށެވެ. އަދި އުންމީދަކީ މިލައިބްރަރީ އަކީ މި މުޖުތަމައަށް މުހިންމު ތަނަކަށް ވެގެން ދިއުންކަމަށް ސުރުހާން ވަނީ ބުނެފައެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ލިބުނު އެހީގެ ދަށުން ކުރިޔަށް ގެންދެވުނު މި ޕްރޮޖެކްޓަކީ ފިޔޯރީއަށް ގެނެވުނު އިތުރު ތަރައްޤީއެއް ކަމުގައި ފޭސް ޖަމިއްޔާއިން ދެކެއެވެ. މި ލައިބްރަރީ ތަރައްޤީކޮށްފައިވަނީ ފިޔޯރީ ކުޑަކުދިންގެ ޕާކުގެ ބައެއްގެ ގޮތުގައެވެ. އެހެންކަމުން ޕާކަށް އަންނަ ކުދިންނާއި ބެލެނެވެރިންނަށް މިތަން ވެގެންދާނީ ވަރަށް ފައިދާ ކުރުވަނިވި ތަނަކަށެވެ.
މި ޕްރޮޖެކްޓްގެ މަގްސަދަކީ ފޮތް ކިއުމަށް ޝައުގުވެރިކަން އުފެއްދުމާއި، ރަށުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކޮށް، ބޭރުތެރޭގައި އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމުގައި ފޭސް ޖަމިއްޔާއިން ބުނެއެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.

