ގދ.ތިނަދޫއިން މިއަދު ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ އަންހެނަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
ތިނަދޫ ކަސްޓަޑުގެއާގެ ހައްވާފާނު (ހައްވަހަންތަ) މިއަދު ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ ތިނަދޫ މިޔުޒިޔަމް ޕާކުގެ އުތުރަށް އޮތް ފަޅު ގޯއްޗެއްގެ ތެރެއިންނެވެ.
ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ބުނެފައިވަނީ އުމުރުން 80 އަހަރުގެ ހައްވަހަންތަ ސްޓްރޯކެއް ޖެހުމުގެ ސަބަބުން ވެއްޓި ބޮލުގެ ނާރެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި ގިނައިރު ވުމުގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ. އަދި ހައްވަހަންތަ ސަލާމަތް ވުމުގައި އޮތީ 50 ޕަސެންޓު ކަމަށް ޑޮކްޓަރުވަނީ ބުނެފައެވެ.
ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ދަނީ ހައްވައްތައަށް ފަރުވާ ދެމުންނެވެ. ހައްވައްތަގެ ހާލު އަދި އެހާ ރަނގަޅެއް ނޫނެވެ.
މައުލޫމާތު ލިބުނު ގޮތުގައި ހައްވަހަންތަ ގެއްލުމުގެ ކުރިން އެންމެ ފަހުން ފެނިފައިވަނީ މިއަދު ހަވީރު 15:45 އެހާކަންހާއިރު މާފުށީ ސަރަހައްދުންނެވެ.
ހައްވަހަންތަ ގެއްލިގެން އާންމު ރައްޔިތުންނާއި ފުލުހުން ގުޅިގެން ހޯދަމުން ދަނިކޮށް ހައްވަހަންތަ ފެނިފައިވަނީ އާންމު ރައްޔިތަކަށެވެ.

