ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ މުވައްޒަފުންގެ މުސާރަ އާއި ގުޅިގެން ފާޅުކުރަމުންދާ ކަންބޮޑުވުންތަކުގެ އަޑު މިސަރުކާރަށް ނީވޭތީ އެކަމާ ޔުނިވާސިޓީގެ ލެކްޗަރާއިންނާއި މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއެންޔޫގެ ލެކްޗަރާއިންނާއި މުވައްޒަފުންގެ މުސާރައިގެ ކަންބޮޑުވުންތަކާއި އަދި ކުރީ ސަރުކާރުގައި ފެށި އެމްއެންޔޫއަށް ހާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓާލުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް އެމްއެންޔޫ ކައުންސިލްގެ މެންބަރުން ސޮއި ކުރައްވާ މެއި މަހު އެމަނިކުފާނަށް ވަނީ ފޮނުވާފައެވެ.
އެހެންނަމަވެސް މިހާތަނަށް އައިއިރު ޔުނިވާސިޓީން ރައީސް އޮފީހަށް ފޮނުވި ސިޓީއަށް އަދިވެސް ޖަވާބެއް ލިބިފައެއް ނުވާކަމަށް އެޔުނިވާސިޓީން ވަނީ ބުނެފައެވެ.
މީގެއިތުރުން އެމްއެންޔޫގެ ކައުންސިލް މެންބަރުން ވަނީ އެޔުނިވާސިޓީގެ މުވައްޒަފުންނާއި ލެކްޗަރާއިންގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނަން ރައްޔިތުންގެ މަޖިލީހަށް ވެސް ސިޓީއެއް ފޮނުވާފައެވެ.
ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައިވެސް މައިގަނޑު ގޮތެއްގައި ފާހަނގަކޮށްފައިވަނީ އެމްއެންޔޫގައި މަސައްކަތް ކުރާ ލެކްޗަރާއިންނާއި މުވައްޒަފުންގެ މުސާރަ ބޮޑުނުކޮށް ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޓީޗަރުންގެ މުސާރަވެސް ބޮޑުކޮށްފައިވާ ކަމަށާއި ޔުނިވާސިޓީގައި ކިޔަވައިދޭން އުޅޭ ލެކްޗަރާއިންގެ މުސާރައަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ. އަދި އެމްއެންޔޫގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އެދުމުން އެކަން ނިންމާނީ ޕޭ ކޮމިޝަނުން ކަމަށް ސަރުކާރުން ވިދާޅުވާތީ އެކަމުގެ ކަންބޮޑުވުންތައް ސިޓީގައި ވަނީ ފާޅުކޮށްފައެވެ.
މިސިޓީގެ ޖަވާބުގައި މަޖިލީހުން އެންގީ އެކަމުގައި ގޮތެއް ނިންމަން ޖެހޭނީ ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ކަމަށާއި އެފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދިޔުމަށެވެ.
މިމައްސަލަ އާއި ގުޅިގެން މިއަހަރުތެރޭގައި އެމްއެންޔޫގެ މުވައްޒަފުންނާއި ލެކްޗަރާއިން ވަނީ އިހުތިޖާޖްވެސް ކޮށްފައެވެ. އެހެންނަމަވެސް މިކަމުގައި ސަރުކާރުން ރަސްމީކޮށް އެއްވެސް ޖަވާބެއް ދެއްވާފައިނުވާކަމަށް އެމްއެންޔޫގެ ލެކްޗަރާއަކު ވަނީ “ވަގުތު” މީޑިޔާއަށް މައުލޫމާތު ދެއްވާފައެވެ.
އެމީޑިޔާއިން ހާމަކުރާ ގޮތުގައި މިމައްސަލައިގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު އަށް ގުޅުމުން ޗެކް ކޮށްލައްވާފައި ޖަވާބެއް ދެއްވާނެ ކަމަށް ހޯމަ ދުވަހު ވިދާޅުވި ނަމަވެސް އަދިވެސް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
އެމްއެންޔޫގެ ލެކްޗަރާއަކު މީޑިޔާއަށް މައުލޫމާތު ދެއްވި ގޮތުގައި ލެކްޗަރާއިންނާއި މުވައްޒަފުންގެ ކަންބޮޑުވުންތައް މިސަރުކާރުން އަޑެއް ނޭހިއެވެ. އަދި މަޖިލީހުން އެންގީ މިމައްސަލައަކީ އެމީހުންނާއި ބެހޭ ކަމެއް ނޫން ކަމަށާއި އެމައްސަލަ ސަރުކާރަށް ހުށަހެޅުމަށެވެ.
އެމްއެންޔޫގެ މުވައްޒަފުންގެ ހައްޤު ހޯދުމަށް ކުރަމުންދާ މިމަސައްކަތުގައި ރާއްޖޭގެ ސަރުކާރުން އަދި ރައްޔިތުންގެ މަޖިލީހުންވެސް ދިނީ ބީރު ކަންފަތެކެވެ. އެހެންކަމުން މިކަމާ އެޔުނިވާސިޓީގެ ހުރިހާ މުވައްޒަފުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

