މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި 25ރ. ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑީޔާ އޮފިޝަލް ވިދާޅުވީ މިމަހު 10 ވަނަ ދުވަހު މީރާގެ އޮފީހުގެ ދޮރު ފަޅާލާފައި އެތެރެޔަށް ވަދެ 25 ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތުގައި އުމުރުން 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހާ އެކަން ކުރި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.
މިމައްސަލައިގައި ހައްޔަރުކުރެވިފައިވަނީ އައްޑޫ ސިޓީ ހިތަދޫ މީހެކެވެ.
އެ ފިރިހެން މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 45 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިމީހާއަކީ ވައްކަން ކުރާކަމުގެ ރިކޯޑް މީގެ ކުރިންވެސް އޮންނަ މީހެކެވެ. އެގޮތުން މިފްކޯ، އާރުޑީސީގެ އިތުރުން މޯލްޑިވިއަންގެ އޮފީހާއި ޖުވެނައިލް ކޯޓުގެ އިމާރާތުން ވެސް މިމީހާ ވަނީ ވައްކަންކޮށްފައެވެ.
އެމީހާއަކީ 2014 އިން ފެށިގެން މި އަހަރުގެ ޖުލައި މަހާ ހަމައަށް ހުކުމެއް ތަންފީޒު ކުރަމުން އައި މީހެކެވެ. އޭގެ ފަހުން، އޭނާ ވަނީ މިނިވަންކޮށްފައެވެ.

