ރާއްޖޭގެ މިސްކިތްތަކުގުައި ކުޑަ ކުދިންނަށް އިމާމުވެ ނަމާދު ކުރެވޭނީ ވަޒީފާ ހަމަޖެހުމުން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
މިގޮތަށް އަމަލު ކުރަން ނިންމާފައި ވަނީ އިމާމުކޯހުގައި ކިޔަވާ ދަރިވަރުންތަކެއް ލައްވައި މިސްކިތެއްގައި އިމާމުވެ ނަމާދު ކުރުވާ މައްސަލަ އަކާއި ގުޅިގެންނެވެ. ނަމާދަކީ ވަރަށް މާތް އަޅުކަމެއް ކަމަށާއި، މިފަދަ މާތް އަޅުކަމެއް އިމާމުވެ ކުރަންވާނީ އެ ކަންކަން ރަނގަޅަށް އެނގޭ މީހުން ކަން މިމިނސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތުން ކުޑަކުދިން އިމާމުވެ ނަމާދު ކުރާއިރު ކުށެއް ކިޔުނު ނަމަވެސް އެ ކުށެއް ރަނގަޅު ކުރަން ނޭނގިދާނެ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިމާމް ކޯސް ހަދާ ލައިސަންސް ލިބިފައިވާ ކުދިންނަށް ވެސް މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރެވޭނީ ވަޒީފާ ލިބުމުން ނުވަތަ އިމާމަކު ޗުއްޓީއަށް ނުވަތަ އެހެން ކަމެއް ދިމާވެގެން ވިޔަސް ގަޑިއަށް މިސްކިތަށް ނުދެވޭ ހާލަތެއް މެދުވެރި ވެއްޖެ ނަމަ އޮންނަ ޕޫލްގެ ދަށުން މިސްކިތަށް އިމާމަކު ހަމަޖައްސާއިރުގައެވެ.
މިސްކިތްތަކުގައި އިމާމުވެ ކުޑަކުދިންނަށް ނަމާދު ކުރެވޭނީ އެކުދިންނަށް ވަޒީފާ ހަމަޖެހުމުން ކަމަށާއި އަދި އެނޫން ގޮތަކަށް ކުޑަކުދިން އިމާމުވެ މިސްކިތްތަކުގައި ނަމާދު ނުކުރެވޭނެ ކަމަށް އަންގައި ސާކިއުލާއެއް ކޮންމެ ރަށަކަށް އީދު ބަންދަށް ފަހު ފޮނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

