ޕީއެސްއެމްގެ ބޯޑު މެންބަރެއް ކަމަށްވާ މުހައްމަދު އާސިފް (މޮންދު)، އެބޯޑުން އިސްތިއުފާ ދެއްވައިފިއެވެ.
މީޑިޔާއަށް މައުލޫމާތު ދެއްވަމުން އާސިފް ވިދާޅުުވީ ޕީއެސްއެމްގެ ބޯޑުގައި އިންނަވައި، އެ ބޯޑުގެ މަސައްކަތާއި މަސްލަހަތަށް ފުށޫއަރާ އެހެން މަސައްކަތެއް ކުރުމަށް ގަސްތުކުރައްވާތީ، ބޯޑުގައި އިންނެވުމަކީ ރަނގަޅު ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެހެންކަމުން އެބޯޑޫން އިސްތިއުފާ ދެއްވަން ނިންމީ ކަމަށް އާސިފް ވަނީ ބުނެފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޕީއެސްއެމް ބޯޑުން އާސިފް އިސްތިއުފާ ދެއްވީ ސަން ޓީވީ އަލުން ވުޖޫދަށް ގެނައުމަށްޓަކައެވެ. ސަން ގްރޫޕްގެ ވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ ސަން ޓީވީ އަލުން ވުޖޫދަށް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި ސަން ޓީވީ އާ ގުޅިގެން އާސިފް، އޭނާގެ އަމިއްލަ މީޑިއާ ހައުސް ކަމަށްވާ “މޮންދު ޕްރޮޑަކްޝަންސް” އާ އެކު ދަނީ މަސައްކަތް ކުރައްވަމުންނެވެ.
ބައެއް މީޑިޔާތަކުން ހާމަކުރާ ގޮތުގައި ސަން ޓީވީ އަލުން ހުޅުވުމުން އެތަން ހިންގުމާއި ހަވާލުވެ ހުންނަވާނީ އާސިފްއެވެ. އެހެން ނަމަވެސް އެވާހަކަ ދޮގުކުރަމުން އާސިފް ބުނެފައިވަނީ ސަން ޓީވީ ވުޖޫދަށް ގގެނައިމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދެވި ނަމަވެސް އެތަން ހިންގެވުމާއި ހަވާލުވެ ވަޑައިގަންނަވާ ވާހަކަ ދައްކާފައި ނޯންނާނެ ކަމަށެވެ.
އާސިފްއަކީ ދިގު މުއްދަތަކަށް މީޑިޔާގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ޕީއެސްއެމްގެ ބޯޑަށް އާސިފް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރ މަހުގައެވެ.
30 އަހަރު ވަންދެން ބްރޯޑްކާސްޓިންގެ ދާއިރާގައި އާސިފް ވަނީ އެކި މަސައްކަތްތައް ކުރައްވާފައެވެ. އެގޮތުން ޓީވީއެމްގައި 23 އަހަރު ވަންދެން މަސައްކަތް ކުރައްވައި، ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަމިއްލަ ސްޓޭޝަން ވީޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރުކަމުގެ މަގާމު ފުރުއްވާފައި ވެއެވެ.
ގައުމީ އަރުޝީފުގެ ބޯޑުގެ ރައީސްކަން ކުރައްވާ އާސިފް ވަނީ ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން، މައުލޫމާތު ފެތުރުމާއި ހުނަރުވެރިކަމުގެ ރޮނގުން ގައުމީ އިނާމް ހާސިލް ކުރައްވާފައެވެ.

